ނާޒިމް ވަކިކުރަނީ ރައީސް ވަކިކުރަން އުޅޭތީ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމް މަގާމުން ވަކިކުރަން އުޅެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމަށް 23 މެންބަރަކާއެކު ސޮއިކުރުމަށް ތައްޔާރުވަމުންދާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެމްޑީޕީ ޗެއާޕާސަން ކެމްޕޭން ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ނާޒިމާއެކު 23 މެންބަރަކު ޕާޓީ ބަދަލު ކުރަން އުޅޭތީ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ އެއީ 23 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެކަން. އާދެ. ނާޒިމާއި އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު ވަކިކުރަން ޕީއެންސީން ވަނީ ހުށަހަޅާފަ އެވެ.
ޕީއެންސީން މި މައްސަލަ ހުށަހެޅީ މަޖިލީހުގެ މަސްލަހަތު ނަގާލަން ނާޒިމު މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ