މި ދުވަސްވަރު ސޯޝަލް މީޑިއާގައި ދިވެހިން އެންމެ ގިނައިން ދައުރުކުރާ އެކައްޗަކަށް ވާނީ، އީކޮމާސް ޕޭމަންޓެއް ހަދަން އުޅެނިކޮށް، ބީއެމްއެލްގެ ޑެއިލީ ލިމިޓާ ހެދި އެކަން ވާން ނެތިގެން ފޮނުވާ ނޮޓިފިކޭޝަންގެ ސްކްރީންޝޮޓްތަކެވެ. އެތައް ބައެއްގެ ހުއްޓުމެއް ނެތް މި ޝަކުވާއާ އެކު، އަސްލު މިއީ ކިިހިނެއް ވެގެން އުޅޭ ކަމެއްތޯ ބަލަންޖެހެ އެވެ.
ބޭންކުގައި ހަމަ ހަގީގަތުގައި ވެސް ޑޮލަރު ނެތީ ހެއްޔެވެ؟ އެންމެ ބޮޑު ޑިޕޮސިޓެއް ނުވަތަ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ބޭންކުން ޑޮލަރު ހުސްވާން ޖެހެނީ ކީއްވެގެން ހެއްޔެވެ؟
ބީއެމްއެލްއަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެ ބޭންކަށް ވަންނަ ވަރަށް ވުރެ ޑޮލަރު ވިއްކަންޖެހޭ ޑޮލަރު އިތުރުވުމެވެ. އެކަން ހައްލުކުރުމަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ފިޔަވަޅުތަކެއް އެޅި ނަމަވެސް، މިދިޔަ ދެ އަހަރެއްހާ ދުވަހު، ބޭންކުން ޑޮލަރު ބޭރުވާވަރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. ބޭންކަށް ޑޮލަރު ބޭނުންވާ ވަރު މިދިޔަ ފަސް އަހަރުތެރޭގައި ވަނީ ހަތަރު ގުނައަށް އިތުރުވެފަ އެވެ.
ބީއެމްއެލް ކާޑުގެ މުއާމަލާތްތަކަށް ދޫކުރާ ޑޮލަރުގެ 65 ޕަސެންޓް ހޭދަކުރަނީ އީކޮމާސް ވެބްސައިޓްތަކަށެވެ. އެއީ ބޭންކަށް ކުއްލިއަކަށް ޑޮލަރުގެ ޑިމާންޑް ބޮޑުވި އެއް ސަބަބެވެ. މިކަމަށް ހައްލެއް ހޯދުމަށް ބޭންކުން އަންނަނީ، ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަމަށް ހައްލެއް ހޯދުމަށް ބޭންކުން ވަނީ ޑޮލަރު ގަތުމަށް ހާއްސަ ޕޯޓަލެއް ވެސް މިދިޔަ ހަފްތާގައި ތައާރަފްކޮށްފަ އެވެ.
ތިރީގައި މިވަނީ ޑޮލަރުގެ މައްސަލައާ ގުޅިގެން ބީއެމްއެލްގެ މިވަގުތުގެ ހާލަތާއި، ބޭންކުން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭ ގޮތުން އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއު އެވެ.
ބޭންކުގައި އެކަށީގެންވާ ވަރަށް ޑޮލަރު ނެތްކަމުގެ ތަސައްވުރެއް އާންމުންގެ މެދުގައި އެބައޮތް. މިއީ ތެދެއްތޯ؟
ނޫން، އެއީ ރަނގަޅު ތަސައްވުރެއް ނޫން. ބޭންކުގެ މާލީ
ހާލަތު ވަރުގަދަވުމުގެ އިތުރުން، މިއީ ރާއްޖޭގައި ބޭރު ފައިސާގެ އެންމެ ބޮޑު
ޑިޕޮސިޓް ބޭސް އޮތް އެއް ބޭންކު. ރާއްޖޭގެ އެހެން ހުރިހާ
ބޭންކުތަކެއް އެއްކޮށްލުމުން ޖެހޭ މިންވަރަށް ވުރެ ގިނައިން އަޅުގަނޑުމެންގެ
ބޭންކުގައި ޑިޕޮސިޓް އެބަހުރި. މި
ޑިޕޮސިޓްތައް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ލޯނު ދޫކުރުމަށް.
ބޭންކްގެ ޑިޕޮސިޓްގެ ގާތްގަނޑަކަށް 70 އިންސައްތަ ލޯނުގެ ގޮތުގައި ދޫކުރާއިރު، ބާކީ 30
އިންސައްތަ ބަހައްޓަނީ ނަގުދު ފައިސާ އާއި ރިޒާވް އަދި ފަސޭހައިން ފައިސާއަށް
ބަދަލުކުރެވޭ އެހެނިހެން އެސެޓްތަކުގެ ގޮތުގައި. ބޭންކުގެ މާލީ ވަރުގަދަކަން،
އަޅުގަނޑުމެން އާންމުކުރާ އަހަރީ އަދި ކުއާޓަލީ މާލީ ބަޔާންތަކުން ވަރަށް
ސާފުކޮށް ފެންނަން ހުންނާނެ. ބޭންކަކީ ބޭރުގެ ދިގު މުއްދަތުގެ
ދަރަންޏަށް ބަރޯސާވާ ތަނެއް ނޫން. ވަރަށް ކުރު މުއްދަތަށް ނަގާފައިވާ ކުދިކުދި
ފެސިލިޓީތައް ފިޔަވައި، ބޭންކުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރިއަށް
ގެންގޮސްފައިވަނީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ އެހީގައި.
ބޭންކުގައި އެކަށީގެންވާ ވަރަށް ޑޮލަރު ޑިޕޮސިޓް ހުރި ނަމަ، ދިވެހި ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް އެ ފައިސާ ބޭނުން ނުކުރެވެނީ ކީއްވެގެންތޯ؟
މިއީ އާންމުން އޮޅުންފިލުވުން ވަރަށް މުހިންމު
ނުކުތާއެއް. ކަސްޓަމަރުން ބޭންކުގައި ބަހައްޓާ ޑޮލަރު ޑިޕޮސިޓަކީ ބޭންކުން އެ
ކަސްޓަމަރުންނަށް އަނބުރާ ދައްކަންޖެހޭ އެއްޗެއް. އެއީ ޑިޕޮސިޓް ކުރި ފަރާތްތަކުގެ
މިލްކެއް. އެހެންކަމުން، ދިވެހި ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ
މުއާމަލާތްތަކަށް ފައިސާ ދެއްކުމަށް އެ ޑިޕޮސިޓްތައް ނުވަތަ ބޭރުން ނަގާ ދަރަނި
ބޭނުންކުރުމަކީ ބޭންކަށް ކުރެވޭނެ ކަމެއް ނޫން. އޭގެ ބަދަލުގައި، އެ ޑިޕޮސިޓްތައް
އިންވެސްޓް ކުރަނީ ޑޮލަރުން އަނބުރާ ދައްކަންޖެހޭ ލޯނުތަކަށާއި އެހެނިހެން
އިންވެސްޓްމަންޓްތަކަށް. ކޮންމެ ވިޔަފާރި ބޭންކަކުން ވެސް އަމަލުކުރާ އުސޫލުން،
އަޅުގަނޑުމެން ވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ރައްކާތެރިކަން
ކަށަވަރުކުރެވޭނެ ފަދަ ގޮތަކަށް ބޭންކުގެ އެސެޓްތައް މެނޭޖުކުރުމަށް.
ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތަކަށް ބޭންކުން ޑޮލަރު ހޯދަނީ ކޮންތާކުންތޯ؟
މިފަދަ
މުއާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާ މައިގަނޑު ގޮތެއްގައި ލިބެނީ ތިން
ގޮތަކަށް.
ފުރަތަމަ ކަމަކީ،
އިންޓްރެސްޓާއި ފައިދާ އަދި ފީގެ ގޮތުގައި ބޭންކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ.
ދެވަނަ ކަމަކީ، ބޭންކުގެ
އާންމު ހިންގުމުގެ ތެރެއިން ރުފިޔާ ދިނުމަށް ފަހު ކަސްޓަމަރުންގެ އަތުން ގަންނަ
ބޭރު ފައިސާ، އެހެންގޮތަކަށް ބަޔާންކުރާ ނަމަ ބޭންކަށް މާރުކުރެވޭ ބޭރު ފައިސާ.
ތިންވަނަ ކަމަކީ، މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ބޭންކަށް ލިބޭ ބޭރު ފައިސާގެ
އެހީތެރިކަން.
މި ހުރިހާ ފައިސާއެއް ވެސް
ބޭނުންކުރަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން ކުރާ ސައްހަ ބޭރުގެ
މުއާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް.
ފާއިތުވި އަހަރުތަކުގައި ބޭންކުން ކަސްޓަމަރުންނަށް ކިހާ ބޭރު ފައިސާ ދޫކޮށްފައިވޭތޯ؟
ފާއިތުވި 36 މަސްދުވަހުގެ ތެރޭގައި، ކަސްޓަމަރުންގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދުމަށް ބޭންކުން ގާތްގަނޑަކަށް 1.6 ބިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވޭ. އަޅުގަނޑުމެން އެވްރެޖްކޮށް ކޮންމެ މަހަކު ހަމައެކަނި ކާޑު މުއާމަލާތްތަކަށް 39 މިލިއަން ޑޮލަރު ވިއްކަން. މީގެ ތެރެއިން 60 އިންސައްތައަށް ވުރެ ގިނައީ ރާއްޖެއިން ބޭރުން އޮންލައިންކޮށް ތަކެތި ގަތުމަށް ކުރާ އީ-ކޮމާސް މުއާމަލާތްތައް. މި ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކާއި، ލިމިޓްތަކުގެ ތެރެއިން.
ބޭންކުން އެހާ ގިނަ އަދަދަކަށް ބޭރު ފައިސާ ވިއްކާއިރު، ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ؟
އެންމެ ބޮޑު ގޮންޖެހުމަކީ، ބޭންކަށް ބާޒާރުން ގަންނަން ލިބޭ ބޭރު ފައިސާއަށް ވުރެ، ބޭންކުން ވިއްކަންޖެހޭ ބޭރު ފައިސާގެ މިންވަރު އިތުރުވުން. މިހެން މިކަން ދިމާވަނީ، ރަސްމީ ރޭޓަށް ވުރެ ގާތްގަނޑަކަށް 30 އިންސައްތަ ބޮޑުކޮށް ބޭރު ފައިސާ މާރުކުރާ ކަޅު ބާޒާރެއް އޮތުމުން. ގިނަ ބަޔަކު ބޭންކަށް ފައިސާ ވިއްކުމުގެ ބަދަލުގައި، ބޮޑު އަގު ލިބޭ ބާޒާރެއްގައި ފައިސާ ވިއްކަން ބޭނުންވުމަކީ ތަބީއީ ކަމެއް. މީގެ ނަތީޖާއަކީ، ބޭންކަށް ލިބޭ ބޭރު ފައިސާ މަދުވާއިރު، ކަސްޓަމަރުންގެ ފަރާތުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ދުވަހުން ދުވަހަށް އިތުރުވަމުން ދިއުން.
ޑޮލަރުގެ ތާށިކަން އަސްލު މި ދިމާވީ ކޮން އިރަކުތޯ؟ މިއީ މިފަހުން ދިމާވާން ފެށި މައްސަލައެއްތޯ؟
ނޫން. މިއީ ކުއްލިއަކަށް ދިމާވި މައްސަލައެއް ނޫން. 2021 ވަނަ
އަހަރުން ފެށިގެން ބޭންކު ހިންގަމުން އައީ ގާތްގަނޑަކަށް 20 އިންސައްތައިގެ ނެޓް
ޝޯޓް ފޮރިން އެކްސްޗޭންޖް ޕޮޒިޝަނެއްގައި. މާނައަކީ ބޭންކުގައި ހުރި ވަރަށް ވުރެ
އޭރުގެ ނިސްބަތުން ގާތްގަޑަކަށް 200 މިލިއަން ޑޮލަރު އިތުރަށް ބޭންކުން އޮތީ ވިއްކިފައި.
އަދިވެސް އިތުރަށް ދިޔައީ ވިއްކަމުން. މިއީ ކުރިން އަޅުގަނޑު މިދެންނެވި ހާލަތު
އޮތަތީވެ ވަމުންދިޔަކަމެއް. މިއީ މާލީ ގޮތުން ބޮޑު ނުރައްކަލެއް އޮތް ކަމެއް. 2024
ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަޅުގަނޑު ސީއީއޯގެ މަގާމާ ހަވާލުވުމަށް ފަހު، މި
ނުބައްދަލުކަން ހައްލުކުރުމަކީ އަޅުގަނޑު އެންމެ އިސްކަންދިން އެއް ކަންތައް.
މިކަމަށް އޮތް ހައްލަކީ ކޮބައިތޯ؟
ސަރުކާރުގެ އެހީތެރިކަމާ އެކު، 2025 ވަނަ އަހަރު ނިމުނުއިރު
ބޭންކުގެ ފޮރިން އެކްސްޗޭންޖް ޕޮޒިޝަން ވަނީ އާންމު ހާލަތަކަށް ގެނެވިފައި. މިކަން
ކުރެވުނީ ސަރުކާރުން ބޭންކުގައި ބަހައްޓާފައި ހުރި ރުފިޔާގެ ބައެއް ޓްރެޒަރީ
ބިލްތައް، ދިގު މުއްދަތުގެ ޑޮލަރު ޓްރެޒަރީ ބޮންޑުތަކަކަށް ބަދަލުކޮށްގެން. މީގެ
ނަތީޖާއަކީ ބޭރު ފައިސާގެ ޒިންމާ ސަރުކާރުން އުފުލައި، ބޭންކުގެ މާލީ ހާލަތު
ވަރުގަދަވުން. މީގެ އިތުރުން ވިޔަފާރީގެ ގޮތުން ބޭންކަށް ލިބޭ ޑޮލަރު އާމްދަނީ
އިތުރުކުރެވޭނެ ގޮތްތަކާއި ޑޮލަރު އިތުރަށް ގަނެވޭނެ ގޮތްތަށް ރާވައި އޭގެ ސަބަބުން
ފޮރިން އެކްސްޗޭންޖް ޕޮޒިޝަން އާންމު ހާލަތުގައި މިހާ ހިސާބަށް މިއައީ
ބަލަހައްޓަމުން. އަޅުގަނޑު ސާފުކޮށް ދަންނަވާލަން ބޭނުންވަނީ، ބޭންކުން ސަރުކާރަށް
އެއްވެސް ބޭނުމަކު ޑޮލަރު ދީފަ ނުވާ ވާހަކަ. ޓީ ބިލްތަކަށް ބަދަލު ގެނައީ
ހަމައެކަނި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ވަރުގަދަކުރަން އެވަގުތަށް އޮތް
ހަމައެކަނި ގޮތަކީ އެއީ ކަމަށްވާތީ.
ބޭންކްގެ ފޮރިން އެކްސްޗޭންޖް ޕޮޒިޝަން އާންމު ހާލަތަށް މިދިޔަ އަހަރު ގެނައި އިރު އެކަމުން ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކަށް އައީ ކޮން ބަދަލެއްތޯ؟
ބޭންކުގެ ބޭރު ފައިސާގެ ހާލަތު ރަނގަޅުވުމާ އެކު،
ކަސްޓަމަރުންނަށް ދޭ އެހީތެރިކަން އިތުރުކުރެވުނު. ކިޔަވާ ކުދިންގެ ކާޑު ލިމިޓް
އިތުރުކޮށް، ޑެބިޓް އަދި ކްރެޑިޓް ކާޑުން ބޭރުގައި ކުރެވޭ ހޭދައިގެ ލިމިޓް
މަތިކުރެވުނު. އަދި ދަތުރުފަތުރާއި، ޓިކެޓާއި ހުރުމުގެ ހަރަދުތަކުގެ އިތުރުން،
ތައުލީމީ އަދި ބޭސްފަރުވާގެ ކަންކަމަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން
އިތުރުކުރެވުނު. މި ބަދަލުތައް ގެނެވުނީ ބޭންކުގެ ބޭރު ފައިސާގެ ހާލަތު
ކުރިއަށްވުރެ ބޮޑުތަނުން ވަރުގަދަވުމާ ގުޅިގެން.
މިހާރު ބޭންކް މި އޮތް ހާލަތުން ޒަރޫރީ ބޭނުންތަކަށް ބޭންކުން ބޭރު ފައިސާ ފޯރުކޮށްދިނުން ކުރިއަށް ގެންދެވޭނެތޯ؟
ޝައްކެއްވެސް
ނެތް ގޮތުގައި ކުރިއަށް ގެންދާނެ.
ދަތުރުފަތުރު،
ތައުލީމު، ސިއްހީ ފަރުވާ، ވިޔަފާރީގެ މުއާމަލާތްތައް އަދި ބޭރުގެ އެހެނިހެން
ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސައްހަ މުއާމަލާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި
ބޭންކު ދެމިއޮންނާނެ. އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ
ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސް
ކުރުން.
މިހާރު ބޭރު ފައިސާގެ ޑިމާންޑް މިހާ ބޮޑަށް އިތުރުވާން ދިމާވާ މައިގަނޑު ސަބަބަކީ ކޮބައިތޯ؟
އެންމެ ބޮޑު ސަބަބަކީ ރާއްޖޭން ބޭރުގެ އީ-ކޮމާސް (އޮންލައިން ވިޔަފާރި) މުއާމަލާތްތައް އާދަޔާ ހިލާފަށް އިތުރުވުން. ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މިފަދަ މުއާމަލާތްތަކުގެ އަދަދު ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފަ. މިއީ މީހުންގެ ދިރިއުޅުމުގެ އާދަކާދައަށް އައި ބަދަލަކަށް ވީނަމަވެސް، މީގެ ސަބަބުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އުފުލިފައިވޭ.
ގިނަ ކަސްޓަމަރުން ގަބޫލުކުރާ ގޮތުގައި އެ މީހުންގެ ރުފިޔާ އެކައުންޓުގައި ފައިސާ ހުރި ނަމަ، ބޭނުންވަރަކަށް ބޭރުގެ މުއާމަލާތްތައް ކުރެވެންޖެހޭނެ. އެއީ ކީއްވެގެން ނުކުރެވޭ ކަމެއްތޯ؟
މިއީވެސް އާންމުންގެ މެދުގައި އޮތް ވަރަށް
ބޮޑު ކުށްހީއެއް. ދިވެހި ރުފިޔާ އެކައުންޓަކުން ކުރާ ކޮންމެ ބޭރުގެ މުއާމަލާތަކީ
ބޭންކުން ބޭރު ފައިސާ ވިއްކުން. އެހެންކަމުން، މިފަދަ މުއާމަލާތްތައް ކުރިއަށް
ގެންދިއުމުގެ ގާބިލުކަން ބިނާވެފައި އޮންނަނީ ބޭންކަށް ބޭރު ފައިސާ ލިބޭ
މިންވަރެއްގެ މައްޗަށް. ކަސްޓަމަރުގެ އެކައުންޓުގައި ރުފިޔާ ހުރުމަކީ ބޭންކުގައި
ބޭނުންވަރަކަށް ބޭރު ފައިސާ ހުރި ކަމުގެ ނިޝާނެއް ނޫން. ބޭރު ފައިސާއަކީ ވަކި
މިންވަރަކަށް ލިބެން ހުންނަ އެއްޗަކަށް ވާތީ، އެ ވަރަށް ބަލައިގެން މެނޭޖުކުރަން
ޖެހޭ.
ބޭރު ފައިސާގެ މުއާމަލާތްތަކާ ގުޅޭ އިންވެސްޓްމަންޓް ފުރުސަތެއް ބޭންކުން ދާދި ފަހުން ތައާރަފުކުރި. މީގެ ބޭނުމަކީ ކޮބައިތޯ؟
މީގެ މައިގަނޑު މަގުސަދަކީ ބޭރުގެ މުއާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާގެ ސަޕްލައި އިތުރުކުރުން. މި ޕްރޮގްރާމްގެ ދަށުން ކަސްޓަމަރުންނަށް ބޭންކުގެ ރަސްމީ ރޭޓް ކަމަށްވާ 15.42 ރުފިޔާގައި ޑޮލަރު ވިއްކައިގެން އިންވެސްޓް ކުރެވޭނެ. މިގޮތަށް ލިބޭ ބޭރު ފައިސާ ބޭނުންކުރާނީ އާންމުން ކުރާ ބޭރުގެ މުއާމަލާތްތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް. އަދި މި އިންވެސްޓްމަންޓްގައި ބައިވެރިވާ ފަރާތްތަކަށް އެ މުއާމަލާތްތަކުން ލިބޭ ކޮމިޝަނުން ބޮޑުބައި ލިބޭނެ.
ޑޮލަރު އިންވެސްޓްކުރުމުން އޭގެ ފައިދާ އެންމެ ފަހުން ކުރާނީ ކޮން ބަޔަކަށްތޯ؟
މީގެ މައިގަނޑު ފައިދާކުރާނީ އާންމު ރައްޔިތުންނަށް. މި ޕްރޮގްރާމްގެ ސަބަބުން ދަތުރުފަތުރު، ތައުލީމު، ސިއްހީ ފަރުވާ އަދި އޮންލައިން ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެ. އިންވެސްޓަރުންނަށް ކޮމިޝަންގެ ފައިދާ ލިބޭއިރު، މުޅި މުޖުތަމައަށް ބޭރު ފައިސާގެ ފަސޭހަކަން ލިބިގެންދާނެ. ބޭންކުގެ ފަރާތުން އަޅުގަނޑުމެން މިވަނީ ބޭންކަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ކަސްޓަމަރުންނާ ހިއްސާކުރަން ނިންމާފައި. މާނައަކީ، ކަސްޓަމަރުންގެ ބޭނުންތަކާއި ގައުމުގެ އިގްތިސާދަށްޓަކައި ބޭންކުން އަމިއްލަ ފައިދާގެ ބައެއް ހޭދަކުރުން.
ބީއެމްއެލް ސީއީއޯގެ އިންޓަވިއު: ޑޮލަރާ ގުޅޭ ހުރިހާ ވާހަކައެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ