ސްރީލަންކާގެ ޕޯޓުން ރާއްޖެއަށް މުދާ ގެނައުމަށް ދިމާވި ދަތިތައް ހައްލުކޮށް، ތާށިވެފައިހުރި 4000 ކޮންޓެއިނަރު މާލެ ގެނެސްފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރުން މުދާ ބޭލުމަށް ދަތިތަކެއް ކުރިމަތިވީ މިއަހަރުގެ ކުރީކޮޅުން ފެށިގެން، މުދާ ހިފައިގެން އަންނަ ބޯޓު ފަހަރުގެ އަދަދު އިތުރުވުމުން ކަމަށެވެ. ބައެއް ބޯޓު ފަހަރުން ކުރިން އެއްފަހަރާ ގެންނަ އަދަދަށް ވުރެ ގިނައިން ކޮންޓޭނަރު ގެންނަ ކަަމަށާއި އޭގެ ސަބަބުން ބަނދަރުގައި މުދާ ބޭލުމުގައި ހޭދަވާ ދުވަސްތައް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މާލެ ޕޯޓުން މުދާ ހުސްކުރުމުގައި ވަރަށް ގިނަ ދުވަސްވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ނުފޮނުވި އެތައް ކޮންޓެއިނަރެއް އެހެން ގައުމުތަކުގައި ތާށިވެފައި ހުރިކަމުގެ ޝަކުވާތައް މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ވިޔަފާރިވެރިން ކުރިއެވެ. އެމަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ލަންކާގައި ތާށިވެ ނުގެނެވިހުރި 4200 ކޮންޓެއިނަރު ހުރިކަން ހާމަކުރައްވާފައެވެ.
އެހެންނަމަވެސް އެމްޕީއެލް އިން ވަނީ، އެކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުގެ މަސައްކަތުން، ލަންކާގައި ތާށިވެފައިހުރި ކޮންޓެއިނަރުތައް ގެނެސްފައިވާކަން ހާމަކޮށްފައެވެ. އަދި މިހާރު މާލޭ ބަނދަރާއި ކޮލޮމްބޯ ޕޯޓާދެމެދު މުދާ އުފުލާ ބޯޓު ފަހަރުން ކުރަމުންދަނީ "ނޯމަލް ޝެޑިއުލް" ދަތުރުތައް ކަމަަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
އެމްޕީއެލް އިން ބުނީ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިތަކާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް މިވަގުތަށް ހޯދޭނެ ހައްލުތައް ދެނެގަނެ ފިޔަވަޅުތައް އެޅުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ދަށުން މާލޭގެ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރަށް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތުގެ ފުރަތަަމަ ފިޔަވަހި ޗައިނާގެ ޗައިނާ ހާބާ އިންޖިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ވަނީ ހަވާލުކޮށްފަ އެވެ. އަދި އެ ބަނދަރުގައި ހިމެނޭ 100 މީޓަރުގެ ކީވޯލާއި އެ ސަރަހައްދުގެ ޕޭވިން މަސައްކަތްތައް ހަވާލުކުރީ އެމްޓީސީސީއާ އެވެ.
ލަންކާ ޕޯޓުގައި ތާށިވި 4،000 ކޮންޓެއިނަރު ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ