އެމެރިކާއާ އެކު ސުލްހައިގެ އެއްބަސްވުމެއް އީރާނުން އަވަހަށް ނުހަދައިފި ނަމަ އީރާނުގެ "އެއްވެސް އެއްޗެއް ބާކީ ނުހުންނާނެ" ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހު ދެއްވައިފި އެވެ.
ފެބުރުވަރީ 28 އިން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ އެކު މެދުއިރުމަތި ނާމާންވެ، ތެލުގެ އަގުތައް މައްޗަށް އުފުލިގެންދިޔަ ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތްތަކުގައި ކުރިއެރުމެއް ހޯދުމަށް އެމެރިކާއަށް ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.
"އީރާނަށް އޮތް ވަގުތު ކުޑަތަންވަނީ، އެހެންވީމާ އެ މީހުން މާ ލަސްނުކޮށް އަވަހަށް ފިޔަވަޅު އެޅިއްޔާ ރަނގަޅުވާނީ. އެހެން ނޫން ނަމަ އެމީހުންގެ އެއްވެސް އެއްޗެއް ބާކީ ނުހުންނާނެ،" ޓްރަމްޕް އޭނާގެ 'ޓްރޫތު ސޯޝަލް' ޕްލެޓްފޯމުގައި ލިޔުއްވާފައިވެ އެވެ. "ވަގުތަކީ ވަރަށް މުހިންމު އެއްޗެއް!"
އާންމު ހާލަތްތަކުގައި ދުނިޔޭގެ ތެލުގެ އެކްސްޕޯޓްގެ 20 ޕަސެންޓް ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި މި ހަނގުރާމައިގެ ސަބަބުން ބަންދުވެ، ލުބުނާން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއްގެ ތެރެއަށް ވެއްޓިފަ އެވެ.
ލުބްނާންގެ ހިޒްބުالله ޖަމާއަތަށް އެހީވާ އީރާނުގެ ސަރުކާރުން ވަނީ، ޓްރަމްޕާ އެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ކުރިން ލުބުނާނުގައި ދާއިމީގޮތަކަށް ހަމަލާތައް ހުއްޓާލުމަށް ޝަރުތުކޮށްފަ އެވެ. ޓްރަމްޕް ބޭނުންވާ ގޮތަށް އެއްބަސްވުމަކަށް އައުމަށް އީރާނުން ދަނީ ދެކޮޅު ހަދަމުންނެވެ.
އިޒްރޭލުގެ އަސްކަރީ އޮފިޝަލަކު އާދިއްތަ ދުވަހު ބުނި ގޮތުގައި، އިޒްރޭލާއި ލުބުނާނުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވެފައިވީ ނަމަވެސް، ހަފުތާ ބަންދުގައި ހިޒްބުالله އިން ވަނީ އިޒްރޭލަށާއި ސިފައިންނަށް އަމާޒުކޮށް 200 އެއްހާ ރޮކެޓާއި ހަމަލާތައް ފޮނުވާލައިފަ އެވެ.
އެމެރިކާ އާއި އީރާނުން އެޕްރީލް 8 ގައި ހަމަލާތައް މެދުކަނޑާލައިގެން ތިއްބަސް، ސުލްހައިގެ މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި ދޭތެރެއަކުން ބައެއް ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.
އާދިއްތަ ދުވަހު އީރާނުގެ މީޑިއާތަކުން ބުނި ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށްޓަކައި އީރާނުން ހުށަހެޅި އެޖެންޑާއަށް އެމެރިކާއިން ދިން އެންމެ ފަހުގެ ރައްދުގައި އެއްވެސް ކަހަލަ އަމަލީ ދޫދިނުމެއް ނެތެވެ.
ފާސް ނިއުސް އެޖެންސީން ބުނީ، އެމެރިކާއިން ހުށަހެޅި ފަސް ނުކުތާގެ ލިސްޓުގައި، އީރާނުން އެންމެ ނިއުކްލިއާ ސައިޓެއް ހިންގުމަށާއި، މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވް އެމެރިކާއާ ހަވާލުކުރުމަށް ބުނެފައިވާ ކަމަށެވެ. -- އޭއެފްޕީ
ޑީލް ނުހަދައިފި ނަމަ އީރާނުގައި ބާކީ އެކައްޗެއް ވެސް ނުހުންނާނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ