އައު ދައުރަށް އިންތިޚާބުވީ ކައުންސިލަރުން އަހުލުވެރިކުރުވަން ސެޝަންތަކެއް ބާއްވައިފި

އައު ދައުރަށް އިންތިޚާބުވީ ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުން މަގާމަށް އަހުލުވެރިކުރުވުމަށްޓަކައި ކައުންސިލުތަކުގެ ބެލެނިވެރި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ސެޝަންތަކެއް ބާއްވައިފިއެވެ. އެލްޖީއޭއިން ބުނީ، މި ސެޝަންތަކުގެ މަގުސަދަކީ އައު ދައުރަށް އިންތިޚާބުވީ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބުވީ މެންބަރުން މަގާމަށް އަހުލުވެރިކުރުވައި، ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންގެ ދައުރާއި ޒިންމާތައް އަންގައިދީ، ކައުންސިލުތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. މިދިޔަ އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް (އެމްއައިއެލްޖީ) އާ ގުޅިގެން ބޭއްވި އޮންލައިން ސެޝަންތަކުގައި، 174 ކައުންސިލަކާއި އަންހެނުންގެ ކޮމިޓީތަކުގެ 166 މެންބަރުންނާއި ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ ތެރެއިން 74 މުވައްޒަފަކު ބައިވެރިވި ކަމަށް، އެލްޖީއޭއިން މައުލޫމާތުދެއެވެ. އެ އިދާރާއިން ބުނީ، އެހެން ދައުރުތަކާ ޚިލާފަށް، މާދަމާ ހުވާކުރާ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން މަގާމުގެ ހުވާކުރާނީ މަސްއޫލިއްޔަތުތައް ފުރިހަމައަށް އެނގިގެން ކަމަށެވެ. މި ޕްރޮގްރާމްގެ ސެޝަންތަކުގެ ތެރެއިން، ލާމަރުކަޒީ ނިޒާމާއި، އެ ނިޒާމުގެ ގާނޫނީ އޮނިގަނޑާއި، އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި، ކައުންސިލަރުންގެ ދައުރާއި، ތަރައްގީއަށް ރޭވުމާއި، ރައްޔިތުންގެ ބައިވެރިވުން ހޯދުމާއި، ކައުންސިލުގެ އިދާރީ ހިންގުމާއި، މާލީ އިންތިޒާމުތަކާއި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގާއި، ޑިޖިޓަލް ގަވަނަންސާއި, ޕަފޯމަންސް މެނޭޖްމަންޓް ނިޒާމާއި، ހެޔޮ ހިންގުމާގުޅޭ މުހިއްމު މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް، އެލްޖީއޭއިން ބުންޏެވެ. މި ސެޝަންތަކުގައި އެ އިދާރާގެ އިތުރުން، ދެން މައުލޫމާތު ދިނީ ސިވިލް ސާވިސް ކޮމިޝަނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ކަމަށް، އެލްޖީއޭއިން ބުންޏެވެ. ފަސްވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރުން އޮތީ މާދަމާ ހެނދުނެވެ. ކައުންސިލުތަކުގެ ހަތަރުވަނަ ދައުރުން ފެށިގެން ކައުންސިލުތަކުގެ ދައުރެއްގެ ދިގުމިނަކީ ފަސް އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ