ޗެލްސީ ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭ ކަޕް ތަށި އުފުލާލައިފި

ލަންޑަން (މެއި 16) - އެފްއޭ ކަޕް ފައިނަލްގައި 1-0 އިން ޗެލްސީގެ މައްޗަށް ކުރި ހޯދައި މެންޗެސްޓާ ސިޓީ، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ސިޓީގެ ހަމައެކަނި ލަނޑު، އާލިން ހާލަންޑް ދިން ޕާހަކުން 71 ވަނަ މިނިޓުގައި ޖަހައިދިނީ ޖެނުއަރީ މަހު ކްލަބާ ގުޅުނު އެންޓޮއިން ސެމެންޔޯ އެވެ. މިއާ އެކު ސިޓީ މި ވަނީ އަށްވަނަ ފަހަރަށް އެފްއޭ ކަޕްގެ ތަށި އުފުލާލައިފަ އެވެ.
ސިޓީ އެފްއޭ ކަޕް ތަށި ހަތްވަނަ ފަހަރަށް އުފުލާލީ 2023 ވަނަ އަހަރު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލި ކޮށްފަ އެވެ. ޖެހިގެން އައި އަހަރު ޔުނައިޓެޑް އަތުން އަދި މިދިޔަ އަހަރު ސިޓީ ވަނީ އެފްއޭ ކަޕް ފައިނަލްގައި ކްރިސްޓަލް ޕެލަސް އަތުން ބަލި ވެފަ އެވެ.
މި ނަތީޖާއާ ގުޅިގެން، ޗެލްސީއަށް މި ވަނީ އަންނަ ސީޒަންގެ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން ފުރުސަތު އަދި ޔަގީން ކުރެވޭ ގޮތް ނުވެފަ އެވެ. ލީގް ކަޕްގެ ސެމީ ފައިނަލުން ކެޓި އިރު، ލީގު ތާވަލްގައި ޗެލްސީ އޮތީ ނުވަވަނައިގަ އެވެ. އެންމެ ދަށް ވެގެން ކޮންފަރެންސް ލީގު ޕްލޭއޮފް ބުރުން ފުރުސަތު ހޯދަން، ލީގުގެ އަށްވަނަ ހޯދަން ޖެހެ އެވެ. ލީގުގައި ބާކީ އޮތީ ދެ މެޗެވެ.
މިދިޔަ ސީޒަންގައި ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ޗެލްސީ މި ސީޒަންގައި ނިންމާލާނީ ތައްޓެއް ނުހޯދި އެވެ. މިއީ ރޯމަން އަބްރަމޮވިޗަށް ފަހު 2022 ގައި ޗެލްސީއާ ހަވާލުވި ބްލޫ އެންޑް ކޯގެ އޯނާޝިޕާ އެކު މިހާތަނަށް އެ ޓީމު ތައްޓެއް ނުލިބި ނިންމާލާނެ ތިންވަނަ ސީޒަނެވެ.
އެފްއޭ ކަޕަކީ މެންޗެސްޓާ ސިޓީ މި ސީޒަންގައި ހޯދި ދެވަނަ ކާމިޔާބީ އެވެ. އެ ޓީމު ވަނީ ލީގް ކަޕް ފައިނަލްގައި އާސެނަލް ބަލި ކޮށްފަ އެވެ. މިއީ އެއް ސީޒަނެއްގައި އެފްއޭ ކަޕާއި ލީގް ކަޕް އެއް ޓީމަކުން ކާމިޔާބު ކުރި ހަވަނަ ފަހަރެވެ. މީގެ ކުރިން 1993 ގައި އާސެނަލް ދެ ތަށި ކާމިޔާބު ކުރި އިރު، 2001 އަދި 2022 ގައި ލިވަޕޫލް ވަނީ މި ނަތީޖާ ހޯދައިފަ އެވެ. މީގެ އިތުރުން 2007 ގައި ޗެލްސީ ލީގް ކަޕާއި އެފްއޭ ކަޕް ކާމިޔާބު ކުރި އިރު ސިޓީ ވަނީ 2019 ގައި ދެ ތަށި ކާމިޔާބު ކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ބާކީ ދެ މެޗު އޮތް އިރު، ސިޓީ ތާވަލްގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް އާސެނަލް އަށް ވުރެ ދެ ޕޮއިންޓް މަދުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ