ބަޔާނުން އައުގްސްބާގްގެ މައްޗަށް ކުރި ހޯދައިފި
ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އައުގްސްބާގް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކޮށްފިއެވެ. އައުގްސްބާގްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައިވަނީ 3-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާނުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ބަޔާނުންނެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނި ސާޖީ ގިނެބްރީއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ބަޔާންގެ ދެވަނަ ލަނޑު ޖަހައިދީ އެޓީމުގެ ލީޑު ފުޅާކޮށްދިނީ ލުއިސް ޑިއާޒްއެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި މައިކަލް އޮލީސޭ ވަނީ ބަޔާންއަށް ތިން ލަނޑުގެ ލީޑެއް މި މެޗުގައި ނަގައިދީފައެވެ. މި ލަނޑާއެކު މި މެޗުގައި ބަޔާންގެ އިތުރު ލަނޑުތަކެއް ފެންނާނެކަމަށް ބެލެވުނު ނަމަވެސް އައުގްސްބާގްއިން މޮޅަށް ކުޅެ، މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިޔާން ޔަކިޗްއެވެ. އަދި މެޗުގެ 76 ވަނަ މިނެޓްގައި މާޓް ކޮމޫ ޖަހައިދިން ލަނޑުން އައުގްސްބާގަށް ހިތްވަރު އާކޮށްދިނުމުގެ އިތުރުން މެޗުގެ ފަހު 14 ވަރަކަށް މިނެޓްގެ ފޯރި އިތުރު ގަދަވެގެންދިޔައެވެ. ނަމަވެސް އައުގްސްބާގްއިން އިތުރު ލަނޑެއް ޖަހާ މެޗުން ނަތީޖާއެއް ނެރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެ ކަން އެ ޓީމަށް ކުރެވޭގޮތެއް ނުވިއެވެ. މިކާމިޔާބީ އާއެކު ބަޔާނުން މިހާރުވަނީ ކުޅުނު ދެމެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައިފައެވެ. އަދި އައުގްސްބާގް އުޅެނީ ތިން ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ