އިންޑިއަން ފިލްމު ފެސްޓިވަލް މެލްބަންގައި މިފަހަރު ވިދާލީ މި ތަރިންތައް
ކޮންމެ އަހަރަކުވެސް އޮސްޓްރޭލިއާގައި ބާއްވަމުން އަންނަ އިންޑިއަން ފިލްމު ފެސްޓިވަލް މެލްބަން (އައިއެފްއެފްއެމް)ގައި މިފަހަރު އެންމެ ބޮޑަށް ވިދާލި ތަރިންނަކީ އެކްޓަރު އާމިރު ޚާން، އަބިޝެކް ބައްޗަން އަދި ބަތަލާ އަދިތީ ރޯއި ހައިދަރުއެވެ. މި ފެސްޓިވަލުގެ އެންމެ މޮޅު ފިލްމުގެ އެވޯޑު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާއިން ގެނެސްދިން "ހޯމްބައުންޑް"އަށް ލިބުނުއިރު އެކްޓަރު އާމިރު ޚާން އިންޑިއާގެ ސިނަމާއަށް ކޮށްދެމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ އެވޯޑެއް އާމިރަށް ވަނީ ދީފައެވެ. އެކްސެލެންސް އިން ސިނަމާގެ އެވޯޑުގެ ނަމުގައި އާމިރު ޚާންއަށް ލިބުނު އެވޯޑާ އެކު އެއީ އާމިރުގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންނާއި ފިލްމު ސްކްރިޕްޓް ތައްޔާރުކޮށްދޭ މީހުންނަށް ލިބުނު ޝަރަފެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އިންޑިއަން ފިލްމު ފެސްޓިވަލް މެލްބަންގައި މި އަހަރު އެންމެ މޮޅު ފިލްމު އެވޯޑު ހޯދި "ހޯމްބައުންޑު"ގެ ޕޯސްޓަރެއް. މި ފިލްމުގެ ލީޑް ތަރިންނަކީ އިޝާން ހައްތަރު އަދި ޖާންވީ ކަޕޫރު--ފޮޓޯ/ދަ ހިންދޫ އެކްޓަރު އަބިޝޭކް ބައްޗަންއަށް މި ފެސްޓިވަލުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު "އައި ވޯންޓު ޓޯކް"އިން ލިބުނުއިރު އެވޯޑާ ހަވާލުވި ވަގުތަކީ އެކްޓަރަށް ވަރަށް ޖަޒުބާތީ ވަގުތުކޮޅަކަށްވިއެވެ. އެ ސްޓޭޖްމަތިން އެކްސެލެންސް އިން ސިނެމާ އެވޯޑު 2022 ވަނަ އަހަރު އެކްޓަރަށް އެރުވިއިރު އޭގެ އަހަރުތަކެއް ފަހުން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނު ވަގުތުކޮޅަކީ ވަރަށް ޙާއްސަ ވަގުތުކޮޅެއް ކަމަށް އަބިޝެކް ވަނީ ބުނެފައެވެ. ހަމައެއާއެކު ފިލްމު "އައި ވޯންޓު ޓޯކް"އަކީ އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށާއި ލިބުނު އެވޯޑު ހާއްސަކޮށްލާނީ ބައްޕަ އަމީތާބް ބައްޗަން އަދި ދަރިފުޅު އަރާދިޔާ ބައްޗަންއަށް ކަމަށް އަބިޝެކް ވަނީ ބުނެފައެވެ. މީގެއިތުރުން މި އަހަރުގެ އިންޑިއަން ފިލްމު ފެސްޓިވަލް މެލްބަންގައި އެވޯޑު ހާސިލުކުރި ތަރިންގެތެރޭ އެކްޓަރު ޖައިދީޕް އަހްލަވާތު، ވީރު ދާސް އަދި އަދިތީ ރޯއިގެ އިތުރުން ޓީވީ ސީރީސް "ޑައްބާ ކާޓަލް"އިން ނިމިޝާ ސަޖަޔާންއަށް ވެސް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައެވެ. މި ފިލްމު ފެސްޓިވަލް މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް މެލްބަންގައި ކުރިއަށްދާނެއިރު ފެސްޓިވަލް ނިންމާލާނީ ފިލްމު "ހޯމްބައުންޑު"ގެ ހާއްސަ ޕްރިމިއާ ޝޯއަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ