ފުރަތަމަ މެޗުގައި އެސްޕަންޔޯލް އަތުން އެތުލެޓިކޯ ބަލިވެއްޖެ ފުރަތަމަ މެޗުގައި އެސްޕަންޔޯލް އަތުން އެތުލެޓިކޯ ބަލިވެއްޖެ

ބާސެލޯނާ (އޮގަސްޓް 18) - ސްޕެނިޝް ލީގުގެ އާ ސީޒަނުގައި އެތުލެޓިކޯ މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި، އެސްޕަންޔޯލް އަތުން 2-1 އިން ބަލިވެއްޖެ އެވެ.
މުޅި މެޗު ކަހަލަ ގޮތަކަށް އެތުލެޓިކޯ އިން ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގެ 37 ވަނަ މިނިޓްގައި އެތުލެޓިކޯ އިން ވަނީ ގޯލް ޖަހައި ލީޑު ނަގައިފަ އެވެ. މިއީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ މަތީ ކަނަށް ވައްދައިލައިގެން، އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް ޖެހި ގޯލެކެވެ.
އޭގެ ފަހުން، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯގެ އިނގިރޭސި މިޑްފީލްޑަރު، ކޯނާ ގެލަގާ އަށް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭރިއާ ތެރެއިން މުޅިން ހުސްކޮށްހުރެ ގެލަގާ ފޮނުވާލި ބޯޅަ އެސްޕަންޔޯލްގެ ޑިފެންޑަރު ރޮމޭރޯ ވަނީ ހުއްޓުވައިފަ އެވެ.
އެސްޕަންޔޯލުން މެޗުގެ އޮއިވަރު ބަދަލުކޮށްލީ މެޗުގެ ފަހު 20 މިނިޓްގަ އެވެ. އެ ގޮތުން، މެޗުގެ 73 ވަނަ މިނިޓްގައި އެސްޕަންޔޯލްގެ މިގޭލް ރުބިއޯ ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި، މެޗުގެ 84 ވަނަ މިނިޓްގައި އެސްޕަންޔޯލް މި މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ، ޕެރޭ މީލިއާ އެެވެ.
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ، މި މެޗަށް ބަލާއިރު، އެ ޓީމުގެ ގިނަ ކަންކަން ދިޔައީ ރަނގަޅަށް ކަމަށެވެ. އެކަމަކު، މެޗުގެ މެޖޯރިޓީ ކަންކަން ރަނގަޅަށް ދިޔަ ކަމުގައި ވިޔަސް، ބަލިވުމަކީ ނެގެޓިވް ނަތީޖާއެއް ކަމަށްވާއިރު، އެއީ ހިތްހަމަޖެހޭނެ ކަމެއް ނޫން ކަމަށް ސިމިއޯނީ ވަނީ ބުނެފަ އެވެ.
ސްޕެނިޝް ލީގުގެ އާ ސީޒަނުގައި، އެތުލެޓިކޯ އިން ކުޅޭ ދެ ވަނަ މެޗުގައި ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ އެލްޗޭއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ