ސީއެސްސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ލިސްޓުގައި މިނިސްޓަރު ނާޒިމްގެ އަނބިކަބަލުން

ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)ގެ ހުސްވާ ތިން މަގާމުން އެއް މަގާމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފި އެވެ.
ވީ ކިހިނެއް؟ - ސީއެސްސީގެ ރައީސް ނާސިހު ހިމެނޭހެން އެ ކޮމިޝަންގެ ތިން މެންބަރެއްގެ ދައުރު އަންނަ މަހު ތިނަކަށް ހަމަވެ އެވެ. އެހެންވެެ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވާ ހަ ބޭފުޅެއްގެ ނަން އިއްޔެ މަޖިލީހަށް ވަނީ ފޮނުވާފަ އެވެ. އަދި މިއަދުގެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ.
ތަފްސީލު - ރައީސް ފޮނުއްވި ހަ ބޭފުޅުންގެ ތެރެއިން ލިސްޓުގެ އެންމެ ކުރީގައި އޮތީ، އިތުރު ދައުރަކަށް ކުރިމަތިލެއްވި ނާސިހިގެ ނަމެވެ. ނާޒިމްގެ އަނބިކަބަލުން ދީބާގެ ނަން އޮތީ ތިން ވަނައިގަ އެވެ. އާންމުކޮށް މަޖިލީހުން މިފަދަ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ބަލަނީ ރައީސް ފޮނުއްވާ ލިސްޓުގައި އިސްކަންދެއްވާފައިވާ ތަރުތީބަށެވެ.
ދީބާއަކީ: 
ތައުލީމީ ދާއިރާގައި 20އަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ދީިބާ އެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވަނީ، އިނގިރޭސީވިލާތުގެ އީސްޓް އެންގްލިއާ ޔުނިވާސިޓީން
ރާއްޖޭގެ ބައެއް ކޮލެޖްތަކާ ޔުނިވާސިޓީތަކުގައި ވެސް މަސައްކަތް ކުރައްވާފައިވޭ
2015އިން ފެށިގެން ދީބާ މަސައްކަތް ކުރައްވަނީ އިސްލާމިކް ޔުނިވާސިޓީގަ އެވެ؛ މިހާރު ފުރުއްވަމުން ގެންދަވަނީ އެ ޔުނިވާސިޓީގެ އެކަޑަމިކް ޑީންގެ މަގާމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ