ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ މުއްދަތު ހަމަވެފައިވާތީ، އެ މުއްދަތު 2027އަށް ދަންމާލަން މަޖިލީހުން ފާސްކުރި ބިލު، ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ގާނޫނުގައި ލާޒިމްކުރާ މުއްދަތު ހަމަވީ މި މަހު 5 އަށެވެ. އެއާ އެކު އެ މުއްދަތު ދަންމާލަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފަ އެވެ. އެ ބިލު މަޖިލީހުން ފާސްކުރީ 11 އޮގަސްޓުގައި ބޭއްވި ޖަލްސާގަ އެވެ.
ތަފްސީލު - ފެނާއި ނަރުދަމާގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގު ކުރެއްވުމާ އެކު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާޢި ނަރުދަމާގެ ނިޒާމެއް ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމުގެ ފުރުސަތު ފަހިވާނެ އެވެ.
އެއީ ގާތްގަނޑަކަށް ދެ އަހަރާއި ފަސް މަސް ދުވަހުގެ މުއްދަތެކެވެ.
އެ ބިލުގައި ހިމަނާފައިވާ ކަންތައްތަކަކީ:
ފެނާއި ނަރުދަމާގެ ހިދުމަތާ ގުޅޭގޮތުން ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުން
ކައުންސިލްތަކުގެ ގާބިލުކަން އިތުރުކުރަން ގައުމީ ފެންވަރުގައި މަސައްކަތް ކުރަން
ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ލައިސެންސް ދޫކުރުމުގެ ޝަރުތުތަކާއި ރާއްޖޭގައި ގާއިމްކުރާ ލެބޯޓްރީތަކުގައި ފެން ތަހުލީލު ކުރުމުގެ ހިދުމަތް ދިނުމާ ގުޅޭ ޝަރުތުތައް ކަނޑައެޅުން
ފެނާއި ނަރުދަމާ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކުރާ ފަރާތްތަކުގެ އަދަބު ކަނޑައެޅުން
މީގެ އިތުރުން މިހާރު ގާނޫނުގައި ޖޫރިމަނާ ކަނޑައަޅާފައިނުވާ ބައެއް އަދަބުތަކަށް ޖޫރިމަނާ ކުރާނެ އަދަދުތައް ވެސް މިއަދު ތަސްދީގުކުރި އިސްލާހުގައި ވަނީ ކަނޑައަޅާފަ އެވެ. އެއީ:
ބިމުގެ ފެންފަށަލަ ތަގައްޔަރުވާ ފަދަ އަމަލެއްކޮށްފި ނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ 100،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން
މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެހެން ނަމަވެސް ވަކި އަދަބެއް ބަޔާންކޮށްފައި ނުވާ ކަމެއްގެ އަދަބަކީ ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި 5،000ރ. އާއި 100،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
އެ ގާނޫނަށް މިއަދު އަމަލުކުރަން ފަށާއިރު، ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އެ ގާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލަން ޖެހޭނެ އެވެ.
ގުޅުން ހުރި - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 2018ގައި ވެރިކަމަށް ވަޑައިގަތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ ވައުދާ އެކު އެވެ. އެ ވައުދު 2023ގައި ފުއްދަވާނެ ކަމަށް އެ މަނިކުފާނު ވެރިކަމުގައި ހުންނެވި އިރު ވިދާޅުވެފައިވެ އެވެ.
އެ ވައުދު ފުއްދުމަށްޓަކައި ގިނަ ރަށްތަކެއްގެ އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް، ވެރިކަން ނިމިގެން ދިޔައީ އެ ވައުދު ނުފުއްދި އެވެ. އަދި ބައެއް ރަށްތަކުގެ މަޝްރޫއޫތައް ވެސް ވަކި ހިސާބަކުން އޮތީ ހުއްޓިފަ އެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި އެ ސަރުކާރުން ދެއްކީ ކޮވިޑްގެ ބަލިމަޑުކަމެވެ.
ފެނާއި ނަރުދަމާ ލާޒިމްކުރާ މުއްދަތު 2027އަށް ދަންމާލާ ބިލު ތަސްދީގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ