އެމްއެސްޕީއޭ ފިލްމު އެވޯޑްސްގައި 19 ފީޗާ ފިލްމު ވާދަކުރާނެ
މި ހަފުތާގައި ބާއްވާ މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ), ފިލްމު އެވޯޑްސް 2024ގައި ވާދަކުރަން 19 ފީޗާ ފިލްމު ހުށަހަޅައިފިއެވެ. ދިވެހި ފިލްމީ އުފެއްދުންތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ އެމްއެސްޕީއޭ ފިލްމު އެވޯޑްސްގައި ވާދަކުރަނީ 2019 އިން ފެށިގެން 2023ގެ ނިޔަލަށް ނެރެފައިވާ ފިލްމުތަކެވެ. އެ މުއްދަތުގެ ތެރޭގައި ވެސް ދިވެހީންގެ މަގުބޫލުކަން ހޯދި ފިލްމުތައް ނެރެފައިވެއެވެ. މި އެވޯޑުގައި ވާދަކުރާނެ ފިލްމުތައް ހުށަހަޅަން ދިނީ ދޮޅު މަހެވެ. މި ހަފުލާ ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އަހަރެވެ. އެކަމަކު، އެކި ސަބަބުތަކާ ހުރެ ހަފުލާ ބޭއްވުން ލަސްވީ ކަމަށް އެމްއެސްޕީއޭއިން ބުނެއެވެ. އެމްއެސްޕީއޭ އެވޯޑްސް 2024 ބޭއްވުމަށް މިހާރު ހަމަޖެހިފައި އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ ޣިޔާސުއްދީން ސުކޫލުގައެވެ. މި އެވޯޑު ހަފުލާ ސަން ޕްލޭއާއި އެސްއެސްޓީވީން ލައިވް ކުރުމަށް ވަނީ ނިންމާފައެވެ. އެމްއެސްޕީއޭއިން ވަނީ، ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބޭފުޅުން ހަފުލާއަށް ވަޑައިގަތުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ