ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް ފަސް ލޯންޗު މިއަދު ހަދިޔާކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ލޯންޗުތައް ހަވާލުކޮށްފައިވަނީ ދޫނިދޫގައި މިއަދު ބޭއްވި ރަސްމިޔާތެއްގަ އެވެ.
ފުލުހުންގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެވަޑައިގަތީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ އެހެނިހެން އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ތަފްސީލް - މި ރަސްމިޔާތުގައި ނަވީން ވިދާޅުވީ:
މި އުޅަނދުތަކާ އެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ
ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ ގާބިލުކަން އިތުރުވެގެންދާނެ
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ދޭ އެހީތެރިކަން ފާހަގަކުރެއްވި
މި އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރި ގޮތަށް ޕްރޮފެޝަނަލްކަމާ އެކު ބޭނުންކުރާނެ
މި ރަސްމިއްޔާތުގައި ޖަޕާންގެ ސަފީރު އިޝިގާމީ ވިދާޅުވީ މި އެހީއަކީ ދިވެހި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޖަޕާނުން ދެމުންދާ އެއްބާރުލުމުގެ ދަށުން ދެވުނު އެހީއެއް ކަަމަށެވެ.
އޭނާ ވިދާޅުވީ:
މި އުޅަނދުތަކުގެ ބޭނުމަކީ މެރިން ޕޮލިސްގެ ގާބިލިއްޔަތު ތަރައްގީކުރުމާއި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމަށް އެހީތެރިވެދިނުން ކަމަށް
މި އެހީތެރިކަމުގެ ސަބަބުން، ދިވެހި ފުލުހުންނަށް ކަނޑުމަގުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލިއްޔަތު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް
ރާއްޖޭގެ އެތެރޭގެ ވައިގެ ބަނދަރުތައް އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން އަވަސް ދުވެލީގައި ކުރިއަރަމުންދާ މި ދަނޑިވަޅުގައި، އަވަހަށް އިޖާބަދެވޭ އުޅަނދުތަކުގެ ބޭނުން ފުލުހުންނަށް ވަރަށް ބޮޑަށް މުހިންމުވެފައިވާ ކަމަށް
މިފަދަ އުޅަނދުތައް ލިބުމަކީ ފުލުހުންގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް
ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެދޭ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން ހަނދާނީ ފިލައެއް ވެސް ވަނީ އަރުވާފަ އެވެ. މި ފިލައާ ހަވާލުވެވަޑައިގަތީ ވެސް ސަފީރު އިޝިގާމީ އެވެ.
އެނގުން މުހިންމު - މިދިޔަ އަހަރު ވެސް ޖަޕާނުން ވަނީ ފުލުހުންނަށް 54 ކާރާއި ހަތަރު ވޭން ހަދިޔާކޮށްފަ އެވެ. އަދި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އިތުރުން ޑްރަގް ފީލްޑް ޓެސްޓު ކިޓު ފަދަ އެހެނިހެން ތަކެތި ވެސް ހަދިޔާކޮށްފައިވެ އެވެ.
ޖަޕާނުން ފުލުހުންނަށް 5 ލޯންޗު ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ