ސީއެސްސީގެ ރައީސް ނާސިހު އިތުރު ދައުރަކަށް ކޮމިޝަނަށް އައްޔަން ކުރަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނާސިހް، އިތުރު ދައުރަކަށް އެ ކޮމިޝަނަށް އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިިލީހަށް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ނާސިހު ހިމެނޭހެން އެ ކޮމިޝަންގެ ތިން މެންބަރެއްގެ ދައުރު އަންނަ މަހު ތިނަކަށް ހަމަވެ އެވެ. އެހެންވެެ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވާ ހަ ބޭފުޅެއްގެ ނަން އިއްޔެ މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.
ތަފްސީލު - މިއަދުގެ މަޖިލިސް ޖަލްސާގައި އެ ސިޓީ އިއްވާފައިވާއިރު، ހަ ބޭފުޅުންގެ ލިސްޓުގެ ކުރީގައި އޮތީ ނާސިހުގެ ނަމެވެ. އާންމުކޮށް މަޖިލީހުން މިފަދަ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރާއިރު ރުހުން ދެނީ ރައީސް އިސްކަން ދެއްވާ ތަރުތީބަަށެވެ. 
ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ރައީސް އިސްކަން ދެއްވި ތަރުބީބަކީ: 
ނާސިހް
ޑރ. ހުސައިން ފާއިޒް، ދަފްތަރު ނަންބަރު 1325
ޑރ. ދީބާ މޫސާ، މ. ވައިޓްބެލް
ބަދުރިއްޔާ މޫސާ ދަފްތަރު ދަފްތަރު 2414
ޑރ. ފާތިމަތު މުނާ ގއ. ވިލިނގިލި/ ވާދީއާގެ
އާމިނަތު އުއްމުކުލްސޫމް، ސ. މަރަދޫ/ މޫންލައިޓް
މި ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފަ އެވެ. މި ހަފްތާގެ ނިޔަލަށް މަޖިލީހުގެ ދައުރު އިތުރުކޮށްފައިވާއިރު، ބެލެވޭ ގޮތުގައި މަޖިލިސް ޗުއްޓީއަށް ދާނީ މިއިން ތިން ބޭފުޅަކަށް ރުހުން ދީފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނާސިހު އިތުރު ދައުރަކަށް އައްޔަން ކުރަން ރައިސް ފޮނުއްވިއިރު، މި ވެރިކަމުގެ ކުރީކޮޅު މިހާރު މި އޮތް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ނާސިހު މަގާމުން ވަކިކުރުމުގެ މަސައްކަތްތަކެއް ފެށި އެވެ. ނަމަވެސް ފަހުން ނިންމީ، އޭނާ ވަކި ނުކުރުމަށެވެ.
ސީއެސްސީގެ ރައީސްގެ ހައިސިއްޔަތުން ނާސިހުއަކީ، ފަނޑިޔާރުންގެ މައްސަލަތައް ބަލަން އޮންނަ އަދި ސަރުކާރުގެ ކޮންޓޯރް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)ގެވެސް މެންބަރެކެވެ.
ނާސިހްގެ އިތުރުން ދެން ދައުރު ހަަމަވާ ދެ މެންބަރުންނަކީ: 
މުހައްމަދު ފަރުސަތު
ފާތިމަތު ޝަރީފް
ނާސިހުއާއެކު މި ތިން ބޭފުޅުން އެ ކޮމިޝަނަށް އައްޔަންކޮށްފައިވާނީ، 3 ސެޕްޓެމްބަރު 2020ގަ އެވެ. ގާނޫނު ބުނާ ގޮތުން ކޮމިޝަންގެ މެންބަރުން އައްޔަން ކުރަނީ ފަސް އަހަރުގެ ދައުރަކެވެ. އަދި ގާނޫނު މިހާރު އޮންނަ ގޮތުން ފަސް އަހަރުގެ ކިތަންމެ ގިނަ ދައުރެއް އަދާ ކުރުމަށްވެސް ހުރަހެއް ނޯވެ އެވެ. ކޮންމެ ފަސް އަހަރަކުން އެމީހަކަށް މަޖިލީހަށް ރުހުން ލިބޭނަމަ، މަގާމުގައި ދެމި ހުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ