ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި 48 އަހަރުގެ މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ މަރުވި 48 އަހަރުގެ މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބަންދުކޮށްފައި ހުއްޓާ މަރުވީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި ގ. ޒާމިއާ، މާލެ، އަހްމަދު އަފްރާހް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ބުނެފައި ވަނީ އަތޮޅުވެހީގެ 7 ނަންބަރު ގޮޅީގައި ބަންދުގައި ހުރި އަފްރާހްގެ ހާލަތު އިއްޔެ ފަތިހު 05:50 އެހައިކަންހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަމަށް ފާހަގަކުރެވުނުކަމަށެވެ. އަދި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަފްރާހް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައި ވަނީ އެ ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ