ފުއްގިރި މައްސަލައިގައި ސަން ކުންފުނީގެ އަޑުއެހުންތައް ނިންމާލައިފި؛ މަހެއް ތެރޭ ހުކުމް ކުރަނީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތާ ގުޅިގެން ކްރިިމިނަލް ކޯޓުގައި ހިންގާ ޝަރީއަތްތަކަށް މިހާރު ވަނީ ހަތަރު އަހަަރަށް ވުރެ ގިނަ ދުވަސްވެފަ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށްދަނީ:
ކުރީގެ ރައީސް އަބްދުﷲ ޔާމީން - ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ
ސަން ކޮންސްޓަރަކްޝަން - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ
ސަން އިންވެސްޓްމަންޓް - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ 
މި މައްސަލާގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ ދައުވާތައް ގެންދިޔައީ އަޑުއެހުންތައް ނުބޭއްވި ލަސްވަމުން ދިއުމުންނެވެ. 
ތަފްސީލް - މި މައްސަލާގައި ސަންގެ ދެ ކުންފުނީގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ އާދިއްތަ ދުވަހު ބާއްވާފައިވެ އެވެ. އެ ދުވަހުގެ އަޑުއެހުމުގައި އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ތިން ގަޑިއިރަށް ވުރެ ދިގުކޮށް އެ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތާއި ދިފާއުގެ ހުލާސާ ބަޔާން ނަގައި ވަނީ ނިންމާލާފަ އެވެ.
އެއަށް ފަހު އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި ގޮތުގައި:
ދެން އެ މައްސަލާގައި އޮންނާނީ ހުކުމް ކުރުން 
ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ކުރިއަށް އޮތް 30 ދުވަސް ތެރޭ ބާއްވާނެ 
އެކަމަކު ވަކި ތާރީހެއް ވިދާޅެއް ނުވޭ
ބުނީ ކީކޭ؟ - ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނި ގޮތުގައި، ފުއްގިރި ކްލޭސިކް ސިޓީއަށް ކުއްޔަށް ދިނުމާ ގުޅޭ މުއާމަލާތުގެ ބައްދަލުވުންތަކުގައި ސަން ކުންފުނީގެ ބައިވެރިވުން އޮތްކަން އެނގެ އެވެ. އަހުމަދު ކްރިކް ރިޒާ އާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މަޖިިލިސް މެންބަރު އަދި ސަން އިންވެސްޓްމަންޓުގެ ޕާޗެސިން ޑިރެކްޓަރު އަލީ މައުރޫފް އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވިކަން އެ ބައްދަލުވުމުގައި ބައިވެރިވި އެހެން މީހުންގެ ހެކިބަހުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައިވާ ކަމަށް ދެކޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނި ގޮތުގައި:
މައުރޫފާއި ރިޒާއަކީ ފުއްގިރި ކުއްޔަށްދިނުމުގެ މުއާމަލާތާ އެއްވެސް ގުޅުމެއް ހުރި ބައެއް ނޫންކަން ލިޔުންތަކުން އެނގޭ؛ ވީއިރު، މައުރޫފް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަބަބާ މެދު ސުވާލު އުފެދޭ
ރަށް ކުއްޔަށް ދިނުމާ ބެހޭ ބައްދަލުވުންގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެ ރަށާ ގުޅުންހުރި ފައިސާ ޔާމީންއަށް ވާސިލްކޮށްދިނުމުގައި ސަން ކުންފުނީގެ ފަރާތުން މައުރޫފު ސީދާ ބައިވެރިވެވަޑައިގެންފައިވާކަން ހެއްކާއި ގަރީނާއިން އެނގޭ 
މި ބައްދަލުވުމުގައި މައުރޫފް ބައިވެރިވެވަޑައިގެންނެވި ސަބަބަކީ، އެ މުއާމަލާތުގެ ތެރެއިން ލިބޭ "ކަޓު" ރައީސް ޔާމީންއަށް ފޯރުކޮށްދިނުމުގައި ސަން ކުންފުނި ބައިވެރިވާތީކަން އެނގޭ؛ އެކަން އެނގެނީ އެކަމާ ގުޅޭ ލިޔުންތަކުގައި މައުރޫފު ސޮއިކުރައްވާފައިވާތީ
މައުރޫފުގެ ބައިވެރިވުން އެކަންކަމުގައި އޮތުމުން، މުޅި އެ މުއާމަލާތް ހިނގާފައިވަނީ ސަންގެ ދެ ކުންފުނީގެ އެނގުމާއި ދަތުމުގެ ތެރެއިންކަން ސާބިތުވޭ
ސަންގެ އެކައުންޓަށް ފައިސާ ޖަމާވި އަދި އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާވި ތާރީހުތައް ބެލުމުން، އެއީ ކަނޑައެޅިގެން ޔާމީންގެ އެކައުންޓަށް ޖަމާކުރުމަށްޓަކައި ލޭޔާ ކުރުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއްކަން ސާފުވޭ
މި ފައިސާ ޖަމާވުމަށް ފަހު، ޔާމީންގެ އެކައުންޓަށް ޖަމާކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް ކޮށްފައެއް ނުވޭ
މިއިން އެއްވެސް މުއާމަލާތެއް ހިންގަންޖެހުނު އެކަށީގެންވާ ސަބަބެއް މި ދެ ކުންފުނިން ކުރެ އެއް ކުންފުންޏަކަށް ވެސް ދެވިފައެއް ނުވޭ
"ކަނޑައެޅިގެން ފައިސާ ދޮވުނީ. ސިރިތަކުމާރު [ސަން ކޮންސްޓަރަކްޝަންގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު] ދިން ހެކިބަހަށް ބަލާއިރު، ރައީސް ޔާމީން ބޭނުންވާތީ، ކްރިކް ފައިސާތަކެއް ހިފައިގެން އަންނާނެ ކަމަށް ބުނި. މި ފައިސާ ސަން ކޮންސްޓްރަކްޝަނަށް ޖަމާކުރިއިރު ވެސް ރައީސް ޔާމީންގެ ފައިސާކަން އެނގޭ،" ހުލާސާ ބަޔާނުގައި ދައުލަތުން ބުންޏެވެ.
ސަންގެ ދެ ކުންފުނީގެ ފަރާތުން ވެސް ދައުވާތަކަށް އިންކާރުކުރެ އެވެ. އެ ކުންފުނިތަކުގެ މައިގަނޑު ދިފާއަކީ ކްރިކް ދިން ފައިސާ އެ ކުންފުނިތަކަށް ޖަމާކުރިއިރު، އެ ފައިސާއާ ގުޅިގެން އެއްވެސް ފަރާތަކުން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް) ފޮނުވާފައި ނުވާ ކަމަށެވެ. އެހެންވެ، އެ ފައިސާގެ ހަގީގަތް އެ ކުންފުނިތަކަށް ނޭނގޭ ކަމަށެވެ.
ސަން ކޮންސްޓްރަކްޝަނުން ބުނާ ގޮތުގައި، އެ ކުންފުނީގެ ފަރާތުން ސަން އިންވެސްޓްމަންޓަށް ފައިސާ ފޮނުވީ ސަން ކޮންސްޓްރަކްޝަނަކީ ޑޮލަރު މާރުކުރުމުގެ ހުއްދަ ނެތް ކުންފުންޏަކަށްވާތީ އެވެ.
އެކަމަކު ދައުލަތުން ބުނަނީ ސަން އިންވެސްޓުމަންޓަކީ ވެސް އެ ހުއްދަ އޮތް ކުންފުންޏެއް ނޫން ކަމަށެވެ. އެހެންކަމުން، ދައުލަތުން ދެކެނީ އެއް ކުންފުނިން އަނެއް ކުންފުންޏަށް ފައިސާ ދައުރު ކުރި ގޮތާ ގުޅޭ ގޮތުން އެ ކުންފުނީގެ ފަރާތުން ހުށަހަޅާ ދިފާއަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ ވ. އާރަށް މައްސަލައިގައި އިއްވި 11 އަހަރުގެ ޖަލު ހުކުމުން މިވަގުތަށް މިނިވަންވެވަޑައިގެން ހުންނެވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ކުރާ ޝަރީއަތުގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
މި މައްސަލާގައި:
ޔާމީންގެ ޝަރީއަތުގެ ވެސް ހެކިބަސް ނަގާ މިހާރު ވަނީ ނިމިފައި 
ދެން އޮންނާނީ ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުން 
އެކަމަށްޓަކައި އަންނަ މަހުގެ 20ގައި އަޑުއެހުމެއް ބާއްވަން ވަނީ ހަމަޖައްސާފައި
ހެއްކާ ބެހޭ ގޮތުން ވާހަކަދައްކާ ނިންމުމުން އެ މައްސަލާގައި ވެސް ހުލާސާ ބަޔާން އިއްވުމާ އެކު، ހުކުމް ކުރުން އޮންނާނެ
މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މަޑުޖެހިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން، މިދިޔަ އަހަރުގެ ތެރޭ ފުލުފުލުގައި ޖެހިޖެހިގެން އަޑުއެހުންތަކެއް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު ހެކިބަސް ނެގުމުގައި ދިމާވި ދަތިތަކަކާހުރެ އެ އަޑުއެހުންތައް ވެސް ފަހުން މަޑުޖެހުނެވެ. އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހު އެވެ.
މި މައްސަލައިގެ އިތުރުން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ ދައުވާތަކުގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގުމުން، އެ މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި އެބަ ހިނގަމުންދެ އެވެ.
ފުއްގިރި މައްސަލާގައި ކޮށްފައިވާ ދައުވާތަކުގައި ދައުލަތުން ބުނެފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް 9 ސެޕްޓެމްބަރު 2015ގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑްއަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތެއް ހިންގާފައިވާ ކަމަށެވެ.
މި މުއާމަލާތާ ގުޅިގެން ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި:
29 މޭ 2016 - ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި ޔާމީން ހޯއްދެވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ޔާމީންގެ އެންގުމަށް، ރިޒާގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން ސަން ކޮންސްޓްރަކްޝަންއަށް ދޫކޮށްފައިވޭ
31 މޭ 2016 - ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައްކައިގެން، މި ޗެކް ސަން ކޮންސްޓްރަކްޝަންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި
7 ޖޫން 2016 - އެ ފައިސާ ސަން އިންވެސްޓްމަންޓްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް 'އިންހައުސް ފަންޑް ޓްރާންސްފާ'އެއްގެ ގޮތުގައި ޖަމާކުރި
7 ޖޫން 2016 - މި ފައިސާއަށް އިތުރު 1،000 ޑޮލަރު އެއްކުރުމަށް ފަހު، ޖުމްލަ 1.18 މިލިއަން ޑޮލަރު 'އިންޓަ ކޮމްޕެނީ ފަންޑް ޓްރާންސްފަ'އެއްގެ ގޮތުގައި ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް، ފައިސާ ފަށަލަކޮށްދީ ލޯންޑަކޮށްފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ