ވޮލީބޯލް އެސޯސިއޭޝަން ކަޕުގައި މިފަހަރު އަށް ޓީމު
ޏ. ފުވައްމުލަކަށް ނިސްބަތްވާ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދިވެހި ސިފައިންގެ ކުލަބު ބައްދަލުކުރާ މެޗާއެކު ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގެ ކުޅުން އަށް ޓީމާއެކު މިއަދު ހަވީރު ފަށާނެއެވެ. މުބާރާތް އެންމެ ފުރަތަމަ ބާއްވަން ތާވަލުކުރީ މިމަހުގެ ނުވަ ވަނަ ދުވަހެވެ. ނަމަވެސް އެހެން ކުޅިވަރަކަށް ސޯޝަލް ސެންޓަރު އެތެރޭ ހޯލު ދޭން ޖެހުމުން ސީޒަން ބަދަލުކުރީ މިމަހުގެ 19 އަށެވެ. އޭގެފަހުން ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް އަނެއްކާވެސް ތާރީޚު ފަސްކުރިއެވެ. ޖުމްލަ ތިން މެޗު މިއަދު ކުޅޭނެއެވެ. ދަނޑިމަގާއި ސިފައިންގެ މެޗަށްފަހު ހަވީރު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ބްލޫސް ފޯ ވޮލީބޯލް އާއި އެޗްޑީސީއެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ ކްލަބް އާއި ސްޕޯޓްސް ކްލަބް ސިޓީއެވެ. މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީ އޮތީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ހުރާ ކޮމިއުނިޓީ ކްލަބް އާއި ސްޕޯޓްސް ކްލަބް ސިޓީ އަދި ބްލޫސް ފޯ ވޮލީބޯލްއެވެ. ގްރޫޕް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބާއި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދި ސަދާން ސްޕޯޓްސް ކްލަބެވެ. ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމުގެ އިތުރުން ކޮންމެ ގްރޫޕެއްގެ ތިންވަނަ ޓީމުތަކުގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ. މި މެޗުން މޮޅުވާ ޓީމެއް ކޮލިފައިވާނީ ގައުމީ ލީގަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ