ސާވާއަށް ގަސްތުގައި ގެއްލުންދިންކަމަށް ބުނެ ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ވަކިކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސާވާތަކަކަށް ކުއްލިއަކަށް މައްސަލަތަކެއް ދިމާވި މައްސަލައިގައި ސަސްޕެންޑުކުރި އެ ކޮމިޝަނުގެ އައިޓީ އޮފިސަރު އަހްމަދު ފަޒީލް މަގާމުން މިއަދު ވަކިކޮށްފައެވެ. މިދިޔަ މެއި މަހުގެ 21ވަނަ ދުވަހު ބްރޯޑްކޮމްގެ ސާވާއަށް މައްސަލައެއް ދިމާވެގެން އެ ކޮމިޝަނުންވަނީ ފުލުހުންގެ އެހީތެރިކަން ހޯދައިފައެވެ. ފުލުހުންގެ ޚިދުމަތުން ވަނީ އެ މައްސަލަ ތަހުގީގުކޮށްފައެވެ. ސާވާއަށް ދިމާވި މައްސަލައިގެ ތަހުގީގުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ފަޒީލް ހަތް ދުވަހަށް ސަސްޕެންޑުކުރީ މިދިޔަ ހޮނިހިރު ދުވަހެވެ. https://sun.mv/206333 ބްރޯޑްކޮމުން މިއަދުވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ. ވަޒީފާއިން ވަކިކުރި ޗިޓުގައިވާ ގޮތުން، ސާވާއަށް ދިމާވި މައްސަލައާ ގުޅިގެން ފުލުހުން ހެދި އެނަލިސިސްއިން އެނގޭ ގޮތުގައި، އެ މައްސަލައަކީ ގަސްތުގައި ގެއްލުންތަކެއް ދިނުމަށް ހިންގާފައިވާ އަމަލެއްކަން ވަނީ އެނގިފައެވެ. އެ ކަން ބަޔާންކޮށް އެ ޚިދުމަތުން މިދިޔަ ހޯމައިގައި ބްރޯޑްކޮމްއަށް ސިޓީއެއް ފޮނުވި ކަމަށް އެ ޗިޓުގައިވެއެވެ. ފަޒީލް މަގާމުން ވަކިކުރީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ނޯޓިހެއް ދިނުމަކާ ނުލައި ވަކިކުރުމުގެ ނަންބަރުގައި، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާދޭ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށް އެ ޗިޓުގައިވެއެވެ. ބްރޯޑްކޮމުން ބުނީ އޭނާ މިއަދު މަގާމުން ވަކިކުރީ އެ ކޮމިޝަނުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ގޮތަށް ނިންމުމަށް ފަހު ކަމަށެވެ. ކުއްލިއަކަށް ބްރޯޑްކޮމްގެ ސާވާ މައްސަލަ ޖެހުނުއިރު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ ކޮމިޝަނުގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން ކޮމިޝަނުގެ މެންބަރުންގެ ދަށުން މަސައްކަތްކުރާ 18 މުވައްޒަފެއްގެ ސޮއާއެކު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެ މައްސަލައިގައި މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅުއްވައިފައެވެ. ޕެޓިޝަން ހުށަހެޅިފަހުން ވަނީ, ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒުކުރަން އެއްބާރުލުން ނުދޭތީ ކަމަށް ކޮމިޝަނުން ނިންމައި, އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރްޔަމް ޒީނިޔާ ތިން ދުވަހަށް ސަސްޕެންޑު ކޮށްފައެވެ. އެއާއެކު އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކޮމިޝަންގެ ބައެއް މުވައްޒަފުން މިދިޔަ ހޯމައިގައިވަނީ މަސައްކަތް ހުއްޓާލުމަށް ފަހު, ގެއަށް ގޮސްފައެވެ. މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ބްރޯޑްކޮމްގެ ރައީސް ޞަފާ "ސަން" އަށް ވިދާޅުވީ އޭނާ އާއި ކޮމިޝަންގެ އެހެން މެންބަރުން ވެސް މަސައްކަތް ކުރަމުން އަންނަނީ މުވައްޒަފުންނާ ވަރަށް ގާތުން, ގުޅިގެން ކަމަށެވެ. މުވައްޒަފުންގެ ވާހަކަތައް އަބަދު ވެސް އަޑުއަހާ ކަމަށާއި ނަމަވެސް ޕެޓިޝަންގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަކީ އޭނާ އާއި ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައިވާ ކަންކަން ނޫންކަން ޞަފާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ