ކުޅުދުއްފުށި ޗެމްޕިއަންޝިޕަށް ލަންކާގެ 20 އަހަރުން ދަށުގެ ކޯޗު ޒިގްޒެގަށް ގެންނަނީ

ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2025 އަށް ޒިގްޒެގް ފޯރ ޔޫތް ލިންކޭޖުން އެޓީމު ވަރުގަދަކުރުމަށް ސްރީލަންކާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ރާޖަމަނީ ދޭވަސަޔާގަމް ސޮއިކޮށްފި އެވެ.
ކުޅުދުއްފުށި ސިޓީގައި ބާއްވާ އެންމެ އަގުބޮޑު އަދި ޝަރަފުވެރި މިމުބާރާތަކީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގެ 9 ގަ އެވެ.
މިފަހަރުގެ މުބާރާތަށް ވެސް ގިނަ ޓީމުތަކަކުން ތައްޔާރުވަމުން އަންނައިރު ޒިގްޒެގުން މިވަނީ އިތުރު ހަރުފަތަކަށް ޖެހިލާފަ އެވެ. އެޓީމުން ލަންކާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ރާޖަމަނީ ދޭވަސަޔާގަމް ޓީމަށް ސޮއިކުރި އިރު މިއީ އެޓީމަށް ވެސް އަދި މިމުބާރާތަށް ވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ.
ޒިގްޒެގުން ހާމަކުރާ ގޮތުގައި 20 އަހަރުން ދަށުގެ ކޯޗަށް ވުމުގެ އިތުރުން އޭނާއަކީ ސްރީލަންކާގެ ސީނިއާ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗެވެ. މިތަޖުރިބާ އަކީ މުބާރާތަށް ތައްޔާރުވާއިރު އެޓީމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޒިގްޒެގުން ފާހަގަކުރެ އެވެ. އަދި މިއީ ޓީމެއްގެ ގޮތުން އަދި ވަކި ވަކި ކުޅުންތެރިންނަށް ބެލިނަމަވެސް އެޓީމަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެކެވެ.
މިމުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީގައި ކޮންމެ އަހަރަކުވެސް ގަވައިދުން ކުރިއަށް ދާނެ ފެންވަރު ރަނގަޅު ފުޓުބޯޅަ މުބާރާތެއް ބޭއްވުމާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
އަދި ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ގައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމާއި ފުޓުބޯޅައަކީ ދިވެހިރާއްޖޭގެ އެންމެ ގިނަބަޔަކު ލޯބިކުރާ ކުޅިވަރަށް ވެފައި، ކުޅުދުއްފުއްޓަކީ ގައުމުގެ ފުޓުބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށެއް ކަމުގައި ހެދުމެވެ. އަދި ކުޅުދުއްފުށީގެ ފުޓްބޯޅަ މުޅިން އާ ހަރުފަތަކަށް ގެންދިއުމާއި ޒުވާނުން ކުށުގެވެށިން ދުރުކޮށް ރަށުގެ އިޖުތިމާއީ ރޫހު އާލާކޮށް ދިރުވުން ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވެ އެވެ.
މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ އަދަދަށް ރިއާޔަތްކޮށް އިތުރު އެހެން ރަށްރަށުގެ ޓީމުތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އިންތިޒާމުކުރާ ފަރާތުން ހާމަކުރެ އެވެ. އެގޮތުން މިދިޔަ އަހަރުތަކުގައި ބޭއްވި މުބާރާތުގައިވެސް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތުދިނެވެ.
މިދިޔަ އަހަރަށްވުރެ މިއަހަރުގެ މުބާރާތުގެ އަގުބޮޑުއިރު މިއީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށްދީފައިވަނީ 75 ހާސް ރުފިޔާ އެވެ. އަދި ރަނަރަޕް ޓީމަށް ދިނީ 20000 ހާސް ރުފިޔާ އެވެ. މިއަހަރު ޗެމްޕިއަން ޓީމަށް ދޭން ނިންމާފައިވަނީ 1 ލައްކަ ރުފިޔާ އެވެ. ރަނަރަޕް ޓީމަށް ދޭން ނިންމާފައިވަނީ 50 ހާސް ރުފިޔާ އެވެ.
ޕެނަލްޓީ ޖަހައިގެން ހިރިމަރަދޫ ޑޮމިނޭޓާސް ބަލިކޮށް، މިދިޔަ އަހަރުގެ ތަށި އުފުލާލީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ