މި ސަރުކާރަށް ތާއީދެއް ނުކުރާނަން: މައުމޫން

ރައީސް އަބުދުﷲ ޔާމީންގެ މި ސަރުކާރަށް އެމަނިކްފާނު ތާއީދުނުކުރައްވާކަމަށާ އެމަނިކްފާނު ހުންނެވީ މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރަށް ތާއީދު ނުކުރެއްވުމަށް ނިންމެވި ނިންމެވުމުގެ މަތީގައިކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކްފާނު މިއަދު ކުރައްވާފައިވާ ޓްވީޓްތަކެއްގައެވެ.
ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ހުރަސްއެޅުމާއި ގުޅިގެން ޝީ ބިލްޑިންގުގަިއ ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް މައުމޫން ވަނީ އެމަނިކްފާނު މިސަރުކާރަށް ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންދަވާފައިވާކަން އިއުލާން ކުރައްވާފައެވެ. އަދި މިސަރުކާރަށް ދެން އެމަނިކްފާނު ތާއީދުނުކުރައްވާނެކަމަށާ މިސަރުކާރުން ގާނޫނީ އިމުގެ ބޭރުން އެތަށްކަމެއް ކުރަމުން ގެންދާކަމަށް އެމަނިކްފާނު ވަނީ ވިދާޅުވެފައެވެ.
އެމަނިކްފާނުގެ މި ނިންވެމުމާއެކު ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ހިތްހަމަޖެހިވަޑައިނުގެން އެމަނިކްފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ވަނީ ވަޒީރުކަމުން އިސްތިއުފާދެއްވާފައެވެ. އަދި ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އިސްކޮށް ހުންނަވާ ރައީސް މައުމޫނަށް ތާއީދު ކުރައްވާ ޕީޖީ ގުރޫޕެއް އުފައްދަވާ މަސައްކަތް ވަނީ ފަށާފައެވެ.
ނަމަވެސް ބުރާސްފަތި ދުވަހު ދުންޔާ ވަނީ އަލުން ސަރުކާރާއި ގުޅިވަޑައިގެން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ހަވާލްވެވަޑައިގެންފައެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑިކިޔުން ރައީސް މައުމޫނަށް އަމާޒްވެ ރައީސް މައުމޫންގެ ނިންމެވުން ބަދަލްކުރެއްވީކަމަށް ބުނެ ވަނީ ވާހަކަދައްކާފައެވެ.
ރައީސް މައުމޫން މިއަދު ކުރައްވާފައިވާ ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ މި ސަރުކާރަށް އެމަނިކްފާނު ތާއީދުނުކުރައްވާނެކަމަށާ އެގޮތުގައި ސާބިތުވެ ހުންނާނެކަމަށެވެ. އަދި އެމަނިކްފާނު މިއަދުވެސް ހުންނެވީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ނިންމެވި ނިންމެވުމުގެ މަތީގައިކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމްރަޓިކް އަދި އިގްތިސާދީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ރާއްޖެއަށް ބަދަލްތަކެއް ގެންނަން ޖެހޭކަމަށެވެ.
މިދޔަ މަހުގެ 27 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް މައުމޫން ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށް އެމަނިކްފާނު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިކަމަށެވެ. ނަމަވެސް އެ ފުރުސަތު ސަރުކާރުގެ ތެރެއިން ނުލިބުނުކަމަށާ އެހެންކަމުން ސަރުކާރަށް ތާއީދުކޮށްގެން ހުރުމުގެ އެއްވެސް މާނައެއް ނެތްކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ނުރަނގަޅު ކަންކަން އެގޮތުގައި ކުރިއަށްދާއިރު، އެކަންކަމުގެ ޒިންމާ އެމަނިކްފާނު ނަންގަވަން ބޭނުންނުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ