ދައުލަތުގެ މުވައްޒަފުންގެ މުސާރަ %40 ބޮޑު ކުރާނެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައްކަވަނީ ވެރިކަން ހޯއްދަވަން ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދީގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާން ބޭނުންވާ ކަމަށާއި އެކަމާ އުފާ ވެސް ކުރައްވާ ކަމަށެވެ.
އެކަމަކު، އެ ކަން ކުރާނެ ފައިސާ ހުރީ ކޮންތާކުތޯ ގާސިމް ވަނީ ސުވާލު އުފައްދަވައިފައެވެ. މިހާރު ވެސް އިންޑިއާ މެދުވެރިކޮށް ދެ ތިން އަހަރު ތެރޭގައި ތިން ބިލިއަން ޑޮލަރު ނަގާފައިވާ ކަމަށާއި އެ ފައިސާ ދައްކަނީ ކިހިނެއްތޯ ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ.
"އެމްއެމްއޭ ގަވަރުނަރު ވިދާޅުވަނީ ތިމަނާއަކަށް ނޭނގެއޭ ފައިސާ ނަގާފައި އޮތީ ކިތައް ޕަސަންޓު އިންޓަރެސްޓްގައި ކަމެއް، ކިތައް އަހަރު ތެރޭގައި ދައްކަން ކަމެއް. އެގްރީމެންޓްގައި އޮތީ ކިހިނެއް ކަމެއް. ވަރަށް ބިރު ހުރި މައްސަލައެއް އެނގޭތޯ މިއީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ ވާހަކަ ދައްކާ އިރު، ދައުލަތުން ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނި ހަމަޖެހުނީތޯ ސުވާލު ކުރައްވައިފައެވެ. އަދި މިހާތަނަށް އައިއިރު، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ބޮޑުނުކޮށް ހިފެހެއްޓީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.
ސަރުކާރުގެ ވޭޖް ބިލް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އަށް އަރާ އިރު، ދިވެހި ދައުލަތަށް މަސް ދުވަހަށް ލިބެނީ 1.8 ބިލިއަން ރުފިޔާ ކަމަށާއި %40 މުސާރަ ބޮޑު ކުރީމަ، އިތުރަށް 1.4 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އަދި އެ ފައިސާ ހޯދަނީ ކިހިނެއްތޯ ގާސިމް ވަނީ ތަކުރާރުކޮށް ސުވާލު ކުރައްވައިފައެވެ.
ގާސިމް ވިދާޅުވި ގޮތުގައި މުސާރަ ބޮޑު ކުރާ ވާހަކަ ދައްކަނީ ފެއިލްވީ ކަމަށް އެނގޭތީ ރައްޔިތުން ބޮލަށް ލުނބޯ ހުތް ފިތަންވެގެނެވެ.
"އިބޫ އަށް ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތޭ. ދިވެހި ދައުލަތަށް ހިޔާނާތްތެރިވެއްޖެ. ދިވެހި ދައުލަތުގެ މިނިވަންކަން ނަގާލައިފިއޭ. ދިވެހި ރައްޔިތުންގެ މިނިވަންކަން ގެއްލިގެންދާ މަންޒަރު މާދަމާ ފެނިވަޑައިގަންނަވާނެ،" ގާސިމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ، އަންނަ ޖެނުއަރީން ފެށިގެން %40 ބޮޑު ކުރައްވާނެ ކަމަށެވެ.
މުސާރަތައް ބޮޑު ކުރާނެ ވާހަކަ ދައްކަނީ ވެރިކަން ހޯދަން، ދެވަނަ ދައުރެއް ނުދޭތި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ