ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން އެލިއާއިން ބާއްވަމުންގެންދާ ބޯޓް އޮޕަރޭޓާސް ޓްރެއިނިންގ ޕްރޮގްރާމް ފަށައިފިއެވެ.
މިތަމްރީން ޕްރޮގްރާމަކީ އެލިއާ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ތަމްރީން ޕްރޮގްރާމެކެވެ. މިއީ ދެފަރާތުންް ގުޅިގެން ކުރިއަށް ގެންދާ 12 ވަނަ ޕްރޮގްރާމެވެ.
މިއަދުން ފެށިގެން މިމަހުގެ 16ގެ ނިއަލަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމުގައި 48 މީހުން ބައިވެރިވެއެވެ. ރިސޯޓުތަކާއި، ކަނޑު ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކުންވެސް މިތަމްރީންގައި ބައިވެރިވެފައިވާ ކަމަށް އެލިއާއިން މަޢުލޫމާތުދެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނޑު ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކެޕްޓަނުންނަށް އަމާޒުކޮށްގެން ފެށި މި ޕްރޮގުރާމަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދިމާވެދާނެ ގުދުރަތީ ނުވަތަ އެހެން ހާދިސާތަކަށްވެސް ކެޕްޓަނުން ތައްޔާރުކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.
ތަފާތު ސެޝަންތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންގެ ހުނަރުތައް ތަރައްޤީކޮށް، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެލިއާއިން ހާމަކުރެއެވެ.
ކަނޑުމަތީގެ ފަންނުވެރިކަމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމުގައި އައުޓްބޯޑް އިންޖީނު އެޅި އުޅަނދުތަކުގައި އިތުބާރާއެކު ދަތުރުކުރުމަށް ކެޕްޓަނުންނަށް ތިއަރީއާއި ޕްރެކްޓިކަލް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އުޅަނދު ދުއްވުމުގައި ސަމާލުކަން ދިނުން މުހިންމު ކަންތައްތަކާއި، ނޭވިގޭޝަން ޗާޓާއި، ސޭފްޓީ ޕްރޮޓޮކޯލްތަކާއި، ޕެސެންޖަރަކަށް ޞިއްޙީ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ ގޮތްތަކަށް ކެޕްޓަނުން އަހުލިވެރި ކުރުވުމާއި، އަލިފާނުގެ ޙާދިސާއެއްފަދަ ކުއްލި ޙާލަތެއްގައި ޢަމަލުކުރާނެ ގޮތުގެ އިތުރުން، އައުޓްބޯޑު އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލުކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށްދާނެކަމަށް އެލިއާއިން މަޢުލޫމާތުދެއެވެ.
މިތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމްއައިޓީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމް އާދަމް ހަލީމް ވިދާޅުވީ، 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އުޅަނދުފަހަރުގެ ކެޕްޓަނުންނަށް އެތައް ހުނަރުތަކެއް ލިބޭނެ ޕްރޮގްރާމެއް ކަމަށެވެ.
އެމްއައިޓީ އާއި އެލިއާއިން ވަނީ މީގެ ކުރިންވެސް މިފަދަ ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައެވެ. މިފަދަ ޕްރޮގްރާމުތަކުގައި އެމްއެންޑީއެފްގެ ފުރިހަމަ އެއްބާރުލުން ލިބޭކަން ވަނީ ފާހަގަކުރައްވާފައެވެ.
މުޖުތަމަޢަށް ބޭނުންތެރި މިފަދަ ތަފާތު ޕްރޮގްރާމްތައް އެލިއާއިން ކޮންމެ އަހަރަކު ވެސް ހިންގަމުންދެއެވެ. ކަނޑުމަތީގެ ސަލާމަތާއި ޕްރޮފެޝަނަލިޒަމް އަދި އަމަލީ ތަމްރީނުތައް ހިމަނައިގެން ސިނާޢަތުގެ މިންގަނޑުތަކަށް ފެތޭގޮތަށް، އެލިއާ އާއި އެމްއައިޓީ ގުޅިގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމަށް ރިސޯޓުތަކާއި، ކަނޑު އުޅަނދުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ދެއްވާ ތަރުހީބަށް އެލިއާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކަނޑުއުޅަނދުފަހަރުގެ ކެޕްޓަނުންނަށް ބޯޓް އޮޕަރޭޓާސް ޓްރެއިނިންގ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ