ކޮންމެ ފަރާތަކުން އަމުރެއް އައި ނަމަވެސް ގާނޫނާއި ހިލާފަށް އަމަލުކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވިއިރު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެގެން ގޮސްފައެވެ. ސިޔާސީ މަސްރަހު ހަލަބޮލިވެގެން ގޮސްފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ހިސާބުންނެވެ.
އިދިކޮޅު ފަރާތްތަކުން އެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 45 މެމްބަރުންގެ ސޮޔާއެކުއެވެ. އޭގެރޭގައި ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ 10 މެމްބަރަކު ވެސް ހިމެނެއެވެ.
ޕީޕީއެމްގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ކޮޅު ބަދަލުކުރައްވާފައިވަނީ އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދިނުމުން ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެގޮތުން ބައެއް މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރެވިފައިވާއިރު ފުލުހުން އިއްޔެ ވަނީ އެކަމާ ގުޅޭ ހެއްކާއި ގަރީނާ ވެސް ލިބިފައިވާ ވިދާޅުވެފައެވެ.
ނަމަވެސް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުތަށް ފާރިސް އަންނަނީ ދޮގު ކުރައްވަމުންނެވެ.
ކޮންމެ ފަރާތަކުން އަމުރެއް އަޔަސް ގާނޫނާއި ހިލާފަށް އަމަލުކޮށްގެން ނުވާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ