ބިލެތްފަހި އަށް ވީއެންމެ އަވަހަކަށް ކަރަންޓް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން - ފެނަކަ

ށ.އަތޮޅު ބިލެތްފަހި އިންޖީން ގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓް ކެނޑިފައިވާއިރު ވީއެންމެ އަވަހަކަށް އެ ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕްރޭޝަން އިން ބުނެފިއެވެ.
ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޭ 23:35 ހާއިރު ބިލެތްފަހި އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި މިކަން ހިނގަން މެދުވެރިވި ސަބަބު ބެލުމަށް އެމްއެންޑީއެފް އާއި ފުލުހުންނާއި ގުޅިގެން ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ.
ބިލެތްފަހިން މިވަގުތު ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާއިރު މި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް ފެނަކައިން ހާމަކުރެއެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން ބިލެތްފަހި ރައްޔިތުން ތަހައްމަލު ކުރަން ޖެހިފައިވާ ދަތި އުނދަގޫތަކަށް ފެނަކައިން ވަނީ މައާފަށް އެދިފައެވެ.
އިންޖީނުގޭގައި ރޯވީ އޭރު ހިންގާފައި ހުރި 112 ކިލޯވޮޓުގެ އިންޖީނުގެ ޓާބޯ ވަރަށް ބޮޑަށް ދޮންވެގެން މައްޗަށް ތެޔޮ އެރުމުން ކަމަށް ބިލެތްފަހިން މައުލޫމާތު ދެއެވެ.
ރޯވި އިންޖީނުގެ އިތުރުން ދެން ހުރި ދެ އިންޖީނު ވެސް އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ހޫނުވެ، ގެއްލުން ވެފައިވާނެ ކަމަށް ބެލެވޭތީ އެއިންޖީންތައް ބޭނުންކޮށްގެން ވެސް ކަރަންޓް ދެވޭނެ ގޮތެއް ނެތް ކަމަށް ބިލެތްފަހިން ވާހަކަދެއްކި މީހަކު ބުންޏެވެ.
ބިލެތްފައްސަކީ އާބާދީގައި 700 ވަރަކަށް މީހުން ދިރިއުޅޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ