ވިލިނގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ޝައްކެތް ނުކުރަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެތް ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގއ. އަތޮޅަށް މިހާރު ކުރަައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކޮލަމާފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމިން ވިދާޅުވީ ބައި-އިލެކްޝަން ކުޑަތަން ވެފައިވާއިރު އެ މަނިކުފާނު ބޭނުންވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ދެކޭގޮތް ސާފުކޮށްދީފައިވާ ފަދައިން ކުރިއަށް އޮތް ބައި-އިލެކްޝަންގައި ވެސް ރަށުގެ ރައްޔިތުން ދެކޭގޮތް ސާފުކޮށްދިނުމަށް ކަމަށެވެ. އަދި ވިލިނގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެތް ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮލަމާފުއްޓަށް ފައިބާވަޑައިގަތުމުން ރަށުގެ ތަޅުދަނޑި އެ މަނިކުފާނާ ހަވާލުކުރެއްވި ފަދައިން ރަށުގެ ރައްޔިތުންގެ އިހްލާސްތެރިކަން ބައި-އިލެކްޝަންގައި ދައްކައިދީ ރައްޔިތުންގެ ހިތުގެ ތަޅުދަނޑި އެމަނިކުފާނަށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކޮލަމާފުއްޓަކީ ވިލނގިލި ދާއިރާގައި ހިމެނޭ ރަށެކެވެ. އެ ދާއިރާގެ މެންބަރަކީ ސައުދު ހުސައިން އެވެ. ވިލިނގިލީ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފަ އެވެ.
ބައި-އިލެކްޝަން އޮންނާނެކަން ކޮމިޝަނުން ބުނި ނަމަވެސް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވިއިރު ވެސް ބައި އިލެކްޝަން ބާއްވާނެ ދުވަހެއް އަދިވެސް އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު ސަރުކާރުން އަންނަނީ ގޮނޑިި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅި އިދިކޮޅު ހަތް މެމްބަރަކު ނިސްބަތްވާ ދާއިރާތަކުގައި ކެމްޕޭން ކުރަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ގައުމު ތަރައްގީ ކުރެއްވުމަށް މަސައްކަތް ކުރައްވަނީ އިހްލާސްތެރިކަމާ އެކު ކަމަށާއި ތަރަައްގީ ބޭނުންވާ ކަމުގައިވާ ނަމަ އެކަމަށް އިންތިޒާރުތަކެއް ކުރަންޖެހޭ ކަމަަށެވެ.
"ފިކުރު ބަދަލުވާ ސަބަބު އެނގެން ޖެހޭ. ބުއްދިވެރި ބައެއް ނަމަ އަތުގައި އޮތް އެެއްޗެއް ދުލެއް ނުކުރާނެ އިހްލާސްތެރިކަމާ އެކު އެކަން ނުކުރެވޭ ކަމަށްވާ ނަމަ. އެ ގޮނޑިއާ ހަވާލުވެގެން އަންނަ މީހުންގެ އިހްލާސްތެރިކަން އުފެދުމުގައި ނެތް ނަމަ، މި ބައި އިލެކްޝަން ކަހަލަ އެތައް އިލެކްޝަނެއް ކުރިމަތިލާނެ." ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ގުޅުނު މަޖިލިސް މެމްބަރުންނަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު، ކޮލަމާފުށިން އެކަނި 80 ޕަސަންޓު ވޯޓު ލިބޭނެކަމުގެ ޔަގީންކަން ކައުންސިލުން ދީފައިވާ ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ ފިކުރާ، ހިޔާލު ތަފާތުވާ މީހުންނާ ބައްދަލުކޮށް އެ ހިޔާލު ތަފާތު ވަނީ ކީއްވެގެން ކަން ދެނެގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމީހުންނާ މުއާމަލާތް ކުރެވޭ ނަމަ ހިޔާލު ބަދަލުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގެމަނަފުށިން ގިނަ ވޯޓް ތަކެއް ލިބޭނެ ކަމަށް ރައީސް އުއްމީދު ކުރެއްވި ނަމަވެސް މިއަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ކާމިޔާބު ކުރެވުނީ ކޮލަމާފުށީގެ ދެ ގޮނޑި އެވެ. ބާކީވާ ތިންވަނަ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީންނެވެ. ގއ. އަތޮޅު ކައުންސިލްގެ އެއްވެސް ގޮނޑިއެއް ޕީފީއެމްއަށް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ