ދިވެހި ރައްޔިތުން ތައްޔާރަށް ތިބިއްޔާ އެމްޑީޕީ އެއްބުރުން ބަލިކުރި ގޮތަށް އަލުން ވޯޓުލާ އެމްޑީޕީ ފުރަތަމަ ބުރުގައި ލިބުނު ވޯޓަށްވުރެ ދަށަށް ޖައްސާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
"ތިޔަބޭފުޅުން ތައްޔާރަށް ތިބިއްޔާ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ގާޒީ ނެރުނު ގޮތަށް މި ވޯޓުގެ ކަންތައް ހަމައަކަށް އަޅުވާނަން، ތިޔަބޭފުޅުން ތައްޔާރަށް ތިބިއްޔާ އެއާޕޯޓު ހޯދި ގޮތަށް ފޮށިތައް ގުނާނަން، ތިޔަބޭފުޅުން ތައްޔާރަށް ތިބިއްޔާ އެއްބުރުން ބަލިކުރި ގޮތަށް އަޅުގަނޑުމެން މި ވޯޓު ދެވަނަ ފަހަރަށްލާ އެއަށްވުރެ ދަށަށް ޖައްސާނަން." މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މިގައުމު މި ދަތުރުކުރަނީ އެކަމާއި މެދު ކަރުނަ އަޅައި ރޯން ޖެހޭފަދަ ނާޒުކު ދަނޑިވަޅެއްގައި ކަމަށާއި މިގައުމު ދަތުރުކުރަމުންދާ މިސްރާބުން ދަތުރުކޮށް ރައްޔިތުންގެ ފިނޑިކަމާއި ކަންނެއް ކަމުން މިވަގުތު ދުލެއް ދީފިނަމަ ދެން މިގައުމު އަނބުރާ އިއާދަނުކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިގައުމުގައި މިހާރު ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށްގެން މިގައުމު އަމާން ބަނދަރަކަށް ނުގޮސް ރައީސް ނަޝީދުގެ އަތްޕުޅަށް މިގައުމު ގޮސްފިނަމަ މިގައުމުގައި އޮތް އިސްލާމް ދީނާއި މިނިވަން ކަމަށް ވާނެ ގޮތް ދިވެހި ކޮންމެ ރައްޔިތަކު ވިސްނާލިޔަސް އެނގޭނެ ކަމަށެވެ.
ޕީޕީއެމްއަށް އިޝާރާތްކުރައްވާ އިމްރާން ވިދާޅުވީ މިގައުމު ސަލާމަތްކުރުމުގައި މީގެކުރިން ވެސް އެއްކޮށް މަސައްކަތްކުރި ފަދައިން މި ގައުމު ސަލާމަތް ކުރުމުގެ ދަތުރު ނިންމާލުމަށް ވެސް އެކުގައި މަސައްކަތްކުރަން ތައްޔާރަށް ތިބި ކަމަށާއި ނަމަވެސް ޖުމްހޫރީ ގުޅުމުން މިކުރާ މަސައްކަތުގައި ބައިވެރިނުވެ ހިތްވަރު ނުދީފި ނަމަ ރައީސް ނަޝީދު އަތުން މިގައުމު ސަލާމަތެއްނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އެންމެން އެކުވެގެން ކުރީގައި ކުރި ކެމްޕެއިންގެ 200 ޕަސަންޓު އިތުރު ކެމްޕެއިނެއް ކުރިޔަސް ނަޝީދު އަތުން މިގައުމު ސަލާމަތެއް ނުކުރެވޭނެ،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީ ޖުޑިޝަރީއަށް ބިރު ދައްކާ ޖުޑިޝަރީ ފުނޑު ފުނޑުކޮށްލުމުގެ އިތުރަށް އިލެކްޝަނާއި ކުޅެލައި އިލެކްޝަންގެ ވޯޓުތައް އޮޅުވާލައިގެން ކަމަށާއި މިފަހަރު ވެސް "ހަގީގީ ބައްޔަށް ބޭސްނުކޮށް އުޅެނިކޮށް ފެންނާނީ ބަލިމީހާ މަރުވާތަން" ކަމަށެވެ.
އެހެންކަމުން ހަގީގީ ފަރުވާއަކީ އެންމެން ކޯލިޝަން ހަދައިގެން ނިކުތުން ނޫން ކަމަށާއި އެއަށް ވުރެ އެމްޑީޕީ މާ "ސްމާޓު" ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑަށް މައުލޫމާތު ލިބެނީ، މިއީ ތެދު ހަބަރު، މާލެ ސިޓީ ކައުންސިލުން ކޭބަލެއް ކެނެރީގެއަށް ވައްދާފަ އެބައިނޭ، މިވަރުގެ ލެވަލްގައި ތިބި ބަޔަކަށް އަޅުގަނޑުމެން ވޯޓު ހޯދަން އުޅެގެން ކޮންކަމެއްތޯ ކުރެވޭނީ؟ މިކަމެއް ނުކުރެވޭނެ އެނގޭތޯ، އަޅުގަނޑުމެން ޖެހޭނީ މިގައުމުގައި ހިނގާ މިފަދަ ޖަރީމާތައް ވަގުތުން ހުއްޓުވަން، ގާނޫނާއި ހިލާފު ކަންތައް ކުރާ މީހުންގެ އަތުގައި ހިފާ ޝަރުއީ މަރުހަލާތަކުގެ ކުރިމައްޗަށް އެމީހުން ގެންދަން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވަނީ އެންމެން އެކުގައި ނިކުމެ ކޯޓު މަރުހަލާ ނިންމުމަށް ގޮވާލައްވާފައެވެ.
އަދި މި މަރުހަލާ ނިމި އަލުން ވޯޓުލާއިރު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ވުރެ ގިނައިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ވޯޓު ލިބިއްޖެނަމަ “ލޮލަކަށް ނިދިފިޔައެއް ނުޖަހައި އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުކޮށްދިނުމަށް ޝަރުތަކާއި ނުލާ އޭނާ މަސައްކަތްކުރައްވާނެ ކަމަށް އިމްރާން ރޭ ވިދާޅުވި އެވެ.
ރައްޔިތުން ތައްޔާރަށް ތިބިއްޔާ އަލުން ވޯޓުލާ އެމްޑީޕީ ދަށަށް ޖައްސާނަން - އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ