މަތީ ދަރަޖަ ހޯދާ ފަރާތްތައް އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ގައުމީ އިނާމް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގައުމީ އިނާމު ކޮމިޓީގެ ރައީސް ޑރ. އަބްދުލް މުހުސިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުގެ މަގުސަދަކީ ދިވެހިންގެ ހިތްވަރާއި ހުނަރުން ހާސިލްކުރެވޭ ކާމިޔާބީތައް އިހުތިފާލުކުރުން ކަމަށާއި އަދި ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަން މިސްރާބުކުރުން ކަމަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދުމާއި، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދުމާއި، މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ހިލާފު ކާމިޔާބީއެއް ހާސިލުކުރުމުގެ އިތުރުން ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމެވެ.
ތައުލީމާއި ތަމުރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދުމުގެ ގިންތިން އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތަކުން ފެށިގެން ހާސިލްކޮށްފައިވާ ސަނަދުން ހޯދާފައިވާ މާކުސް ނުވަތަ ގްރޭޑް އެވްރެޖް އެސަނަދުގެ ކޮންމެ މާއްދާއަކުން އެންމެ މަތީ ދަރަޖައިގައި ހިމެނުމުންނެވެ.
ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެގިންތިން ހަތަރު ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދާއިރާތަކަކީ ދިވެހިބަހުގެ ބަހުރުވަތައް ދިރުވައި އާލާކުރުމުގެ ދާއިރާއިން "ދިވެހިބަހުގެ ބަހުރުވަތަކުގެ އަދަބީ ބަސް" ފޮތް ލިޔުމެވެ. މިކަމާބެހޭ މަސައްކަތްތައް ކުރިއަށް ގެންދަނީ ދިވެހިބަހުގެ އެކަޑަމީންނެވެ. އެކަޑަމީން ބުނީ "ދިވެހިބަހުގެ ބަހުރުވަތަކުގެ އަދަބީ ބަސް" ފޮތް ލިޔުމުގެ މުބާރާތް ބަހާލައިފަވަނީ 18 އަހަރާއި 35 އަހރާއާއި ދެމެދުގެ އުމުރުފުރާއަށާއި 35 އަހަރުން މަތީގެ އުމުރު ފުރާއަށް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަސް 25 އަދަބީ ބަސް ލިޔަންޖެހޭ ކަމަށެވެ.
ދެވަނަ ދާއިރާގައި ހިމެނޭ ވިޒުއަލް އާޓްސް ދާއިރާއިން ދިވެހިރާއްޖޭގެ ތާރީހީ ހާދިސާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކަތައް އަސްލަކަށް ބަލައިގެން، އެ ވާހަކައިގެ އަސްލު ނުގެއްލޭގޮތަށް ކުރެހުމުން ހުށަހެޅުމެވެ. ނޭޝަނަލް ސެންޓާ ފޯ އާޓްސް އިން ބުނީ އެންމެ ގިނައިން ހުށަހެޅޭނީ 20 ކުރެހުން ކަމަށެވެ
ތިންވަނަ ދާއިރާއަކީ ދިވެހި ގައުމީ ތަރިކައާއި ދިވެހި ސަގާފަތް ދިރުވައި އާލާކުރުމުގެ ދާއިރާއިން ކާބަފައިންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ދައްކައިދޭ މިނިއޭޗާ އުފެއްދުމެވެ. ހެރިޓޭޖުން ބުނީ މިފަދަ އުފެއްދުމެއް ހުޅުވާލުމުގެ މަގުސަދަކީ ދިވެހިން އުފައްދާ ތަކެތިން ތަރިކަ އެންމެ މައްޗަށް ދައްކުވައިދޭ ތަކެއްޗަކަށްވުން ކަމަށެވެ.
ހަތަރުވަނަ ދާއިރާއަގަ ހިމެނިފައިވަނީ ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދިރުވައި އާލާކުރުމުގެ ދާއިރާއިން ކުނަލާއި ކުނަލުން ތަކެތި އުފެއްދުމެވެ. އިކޮނިމިކް މިނިސްޓްރީން ބުނީ މިއިނާމު މިފަހަރު ދެވޭނީ މަދުވެގެން ހަތަރު ފަރާތަކުން ކުރިމަތިލުމުން ކަމަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަވަނީ މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ