ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން އިއާދަވުމަށް ދިވެހި ރައްޔިތުން ނޭދޭކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިންމާލުމަށް ފަހު، އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރުވެސް ދިވެހި ރައްޔިތުން 30 އަހަރުގެ ވެރިކަމަށް ނޫނެކޭ ބުނެފައިވާކަމަށެވެ. ނަމަވެސް އޭގެ ފަހުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ޕީޕީއެމްއިން ކިލަނބުކޮށްފައިވަނިކޮށް، އިއްޔެ ބޭއްވި އިންތިހާބުގައިވެސް ދިވެހި ރައްޔިތުން ޕީޕީއެމްއަށް ނޫނެކޭ ބުނެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުންނެއް ނޭދޭ ޕީޕީއެމްގެ 30 އަހަރުގެ ދިގު ވެރިކަން އިއާދަކުރާކަށް. ރާއްޖޭގެ ރައްޔިތުންނެއް ނޭދޭ ޖަލްގައި އަނިޔާ ކުރާކަށް. ރާއްޖޭގެ ރައްޔިތުންނެއް ނޭދޭ ދީނީ ދަންނަ ބޭކަލުން ހިފާ ހައްޔަރު ކުރާކަށް. ރާއްޖޭގެ ރައްޔިތުންނެއް ނޭދޭ ތިމަންނާއަށް ކުރެވޭ އިޝާރާތަކުން ބުނެވޭ ބަހަކުން ކުއްވެރިވެ، 38 ވަނަ މާއްދާގެ ދަށުން ދިގު މުއްދަތަކަށް އަރުވާލެވޭކަށް ނުވަތަ ޖަލަށް ލެވޭކަށް،" ނަޝީދު ވިދާޅުވިއެވެ.
މިމަހުގެ 28 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ޔާމީން އެއީ ކޮންކަހަލަ ބޭފުޅެއްކަން ދިވެހި ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ނުޖެހޭނެކަމަށެވެ. އަދި ޕީޕީއެމްއަކީ "50 ހާސް ވޯޓްގެ" ގޮތުގައި ތިއްބަވާ ޕާޓީއެއްކަމަށް ނަޝީދު ވިދާޅުވިއެވެ.
"ރާއްޖޭގެ ރައްޔިތުންނެއް ރައީސް މައުމޫންއަކަށް ނޭދޭ. ރާއްޖޭގެ ރައްޔިތުންނެއް ޕީޕީއެމްއަކަށް ނޭދޭ، އަބްދުﷲ ޔާމީންއަކަށް ނޭދޭ. މިރާއްޖޭގެ ރައްޔިތުންނަށް އެވާހަކަ އޮޅުން ފިލާކަށް އުނދަގުލެއް ނުވާނެ. އެއީ 50 ހާސް ވޯޓްގެ ޕާޓީއެއް، އެގޮތުގައި އެބޭފުޅުން ތިއްބަވާ. އެގޮތުގައި އެބޭފުޅުން ތިއްބަވާ. އެބޭފުޅުންގެ ވެރިކަމުގެ މަސްލަހަތަށްޓަކާ ބައެއް ބޭފުޅުންނާއި ވާހަކަ ދައްކަވައި ހައްދަވާފާނެ އެހެންނަމަވެސް ނަގޫ ގޮށްޖެހޭނީ އަޅުގަނޑަށް ފެންނަ ފެނުމުގައި އެބޭފުޅުން އެބޭފުޅުންނާއި، އެއީކީ ރައްޔިތުންގެ މެދުގައި ވެވޭ އިއްތިހާދެއްނޫން. ރައްޔިތުންނާއި ރައްޔިތުންނާއި މިތިބީ ގުޅިފައި އެމްޑީޕީއާއި ރައްޔިތުންނާއި މިތިބީ ގުޅިފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ބައިވެރިވި މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވަނީ އެމަނިކުފާނަށް ވޯޓްދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެ އެހެން ޕާޓީތަކަށްވެސް ވޯޓްދެއްވި ރައްޔިތުންނަށް އެމަނިކުފާނު ޝުކުރު ދަންނަވަމުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުވެސް އެމްޑީޕީން ކާމިޔާބު ކުރައްވާނެކަމަށެވެ.
"އަޅުގަނޑުމެންނެއް ވަރުބައްޔެއް ނުވާނެ، މިމީހާއެއް އިރާދުކުރެއްވިޔާ ވަރުބައްޔެއް ނުވާނެ. ވައްޓައެއްވެސް އިރާދުކުރެއްވިޔާ ނުލެވޭނެ، ވައްޓާލާ ވަރަށް ވުރެން އަވަހަށް އިރާދަކުރެއްވިޔާ އަޅުގަނޑުމެން ތެދުވާނަން، ތެދުވެ ދުއްވައިގަންނާނަން. އަޅުގަނޑުމެން މި ރޭސް އިރާދުކުރެއްވިޔާ ނިންމާނަން. ކަންބޮޑުވެ ނުލައްވާ، ހަސްވެ ނުލައްވާ، ހަމަ އިށީންނަވާ، އަރާމުގައި ތިއްބަވާ، މިއޮޑި އަޅުގަނޑުމެންނަށް ރީތިކޮށް ގެންގޮސް ސަލާމަތުގެ ބަދަރެއްގައި އައްސޭރި ކުރެވޭމެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު އެއްވެސް ސިޔާސީ ޕާޓީއަކުން އަދި ޖަލްސާއެއް ބާއްވާފައި ނުވާއިރު އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް ވާހަކަ ދެއްކެވިއެވެ. އަދި އެޕާޓީގެ ޗެއަރޕާސަން މޫސާ މަނިކާއި ބައެއް އެހެން މެންބަރުންވެސް ވާހަކަ ދެއްކެވިއެވެ. މިރޭގެ ޖަލްސާގައި ރާއްޖޭގެ ބޮޑީ ބިލްޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅަކުވެސް އެޕާޓީއާއި ގުޅިފައިވެއެވެ. އަދި ރައީސް މައުމޫންގެ ދައުރުގައި ވަޒީރުކަން ކުރައްވައި، ރައީސް ނަޝީދުގެ ވެރިކަމުގައި ދައުލަތުން އިއްޒަތް އަރުވާފައިވާ އަހްމަދު އަބްދުﷲވެސް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހި ރައްޔިތުން މައުމޫނާއި ޔާމީންއަކަށް ނޭދޭ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ