ހައިކޯޓުގެ ފަނޑިޔާރުން ވެސް ވަކި ކުރަން އެބަ ޖެހޭ: މެމްބަރު ސިރާޖު

ޤާނޫނު އަސާސީ ބަޔާން ކުރާ އެއްޗެއް ނޭނގޭ ފަނޑިޔާރުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް އެބަތިބި ކަމަށާއި، އެ ފަދަ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރުގެ ނާއިބު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ސިރާޖު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް މަގާމުން ވަކިކުރުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކައިގަ އެވެ.
ސިރާޖު ވިދާޅުވި ގޮތުގައި، ޤާނޫނު އަސާސީގައި ބަޔާންކުރާ އެއްޗެއް ނޭނގޭ ފަނޑިޔާރުން ސުޕްރީމް ކޯޓާއި ހައިކޯޓުގައި ތިބުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.
"އަޅުގަނޑު އެންމެ ކަންބޮޑުވަނީ ސުޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުންނަށް ޤާނޫނު އަސާސީގައި ބަޔާން ކުރާ އެއްޗެއް ނޭނގޭތީ، ކަޅާއި ހުދުން ލިޔެފައި ހުރި އެއްޗެހި ސާފު ނުވާތީ. އެފަދަ ހުރިހާ ފަނޑިޔާރުން އަޅުގަނޑުމެން ވަކިކުރަން އެބަޖެހޭ. ހައިކޯޓުގައި ވެސް ވަރަށް ގިނަ އެފަދަ ފަނޑިޔާރުން އެބަތިބި. އެ ފަދަ ފަނޑިޔާރުން ވެސް އިޖުރާއުތައް ފުރިހަމަކޮށް ވަކިކުރަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިރާޖު އެހެން ވިދާޅުވިއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަތައް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އޭގެ ތެރެއިން އެއް ފަނޑިޔާރަކީ، ނޫސްވެރިޔާ ރިލްވާންގެ މަރާ ގުޅުން ހުރި މައްސަލައެއްގައި މިހާރު ސަސްޕެންޑްކޮށްފައިވާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޢަލީ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ހައިކޯޓުގެ އަނެއް ދެ ފަނޑިޔާރުންނަކީ، ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުސްމާން އަދި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސެއިން ޝަހީދު އެވެ. އެ ދެ ފަނޑިޔާރުންގެ ވެސް އެއް މައްސަލައަށް ވުރެ ގިނަ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ