ފުލުހުންގެ މުއައްސަސާ އިސްލާހު ނުވާ ކަމަށް ވިދާޅުވެ ނަޝީދުގެ ކަންބޮޑުވުން

ފުލުހުންގެ މުއައްސަސާ އިސްލާހުވުން ލަސްވާތީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ސެޕްޓެމްބަރު 19، 2003 ގައި މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ހުރި އުމުރުން 19 އަހަރުގެ އީވާން ނަސީމްއަށް އަނިޔާކޮށް، މަރާލި ހާދިސާއާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މީގެ 15 އަހަރު ކުރިން މިއަދު ފުލުހުންގެ ދަށުން އޮތް ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) އިން އީވާން ނަސީމް މަރާލައި އަދި އެކަމާ ގުޅިގެން އެއްވެސް ހަތިޔާރަކާ ނުލައި މުޒާހަރާ ކުރި ގައިދީން ގަޔަށް ބަޑިޖެހި ކަމަށެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓް
އެ މަރުތަކާ ގުޅިގެން މާލޭގައި މުޒާހަރާތައް ފެށުނު ކަމަށާއި އެއީ ޑިމޮކްރަސީގެ ފެށުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް ފުލުހުންގެ މުއައްސަސާ އިސްލާހުވުން އަވަހަށް ނުހިނގާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާއަށް ރައީސް ނަޝީދު ދާދި ފަހުން ވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެ މުއައްސަސާއިން އެމަނިކުފާނަށް ފާރަލަމުންދާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ސަލާމަތީ ބާރުތަކުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން ދޮގު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ