ގާނޫނީ ތަރަހައިގެ ތެރެއިން ކުރި ހުކުމެއް ނަމަ އެސްއޯއެފުގެ ބަހެއް ހޯދީސް: ޝަހީދު

ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަކީ ގާނޫނީ ތަރަހައިގެ ތެރެއިން އިއްވި ހުކުމެއް ނަމަ އެ މަސައްލަގައި ހިމެނޭ ސްކޯޒް އޮފް ފްލެއާސް (އެސްއޯއެފު) ގެ ބަހެއް ހޯދިސް ކަމަށް ރައީސް ޔާމީންގެ ލީގަލް ޓިމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒު މުހައްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.ޝަހީދު މިހެން ވިދާޅުވީ ރައީސް ޔާމީނަށް އިއްވި ސިޔާސީ ހުކުމާ ދެކޮޅަށް ޕިޕީއެމް ޕީއެންސީ އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝަހީދު ވިދާޅުވީ، ރައީސް ޔާމީނަށް ސިޔާސީ ހުކުމެއް އިއްވާ އެމަނިކުފާނު ޖަލުގައި ބައިންދާފައި ހުންނެވީ މި ސަރުކާރަށް އެހެން އިތުރު ގޮތެއް ނެތިގެން ކަމަށެވެ.އަދި ވިދާޅުވީ އެއީ މި ސަރުކާރުން ފަތުރަން ބޭނުންވާ ލާދީނީ ސިޔާސަތު ފަތުރަން އެޅޭ ހުރަހަކީ ރައީސް ޔާމިން ކަމުގައި ވުމުންކަމަށެވެ. އެހެނީ މި ގައުމުގައި އިސްލާމުދީނާ ދެކޮޅަށް ކުރާ ކޮންމެ ކަމަކާ ދެކޮޅަށް ކެރިވަޑައިގެން ނުކުންނެވި ހަމައެކަނި ރައީސް އަކީ ރައީސް ޔާމީން ކަމުގައި ވުމުން ކަމަށް ޝަހީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.ޝަހީދު އިތުރަށް ވިދާޅުވީ، އެއްވެސް އަސްލެއް ނެތް ދައުވާ އެއްކޮށް ރައީސް ޔާމީން ޖަލުގައި ބަހައްޓާފައިވާ ކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށާ އަދި އެމނަިކުފާނަށް އިއްވައިފައިވާ ހުކުމަކީ ގާނޫނީ ތަރަހައިގެ ތެރެއިން އިއްވި ހުކުމެއް ކަމުގައިވަނީ ނަމަ އެ ދައުވާގެ މައްސަލައިގައި ހިމެނޭ އެސްއޯއެފުގެ ބަހެއް އެ ޝަރީއަތުގައި ހޯދީސް ކަމަށެވެ.މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ނުހައްގުން ކަމަށް ގިނަ ދިވެހި ރައްޔިތުން ގަބޫލުކުރެއެވެ.އަދި ލައިވްކޮށް ކުރިއަށް ގެންދިޔަ އެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް އެ މަސައްލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމުވެސް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ