މަޖިލީހުން ފާސްކުރާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުން ހަދާ ގަވާއިދާ ގުޅިގެން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް އެދުމަށް ހުށަހެޅި ގަރާރު މަޖިލީހުން ފާހެއް ނުވި އެވެ.
އިތުބާރު ނެތް މައްސަލަތަކުގައި އަމަލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ކުރި ހުކުމާއި ރައްޔިތުންގެ މަޖިލީހުން ހަދަން މަަސައްކަތް ކުރާ ގަވާއިދުގައި ފުށު އެރުންތަކެއް އުޅޭނީ ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކޮށްދިނުމަށް މަޖިލީހުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގެ ޖަވާބުގައި ކޯޓުން ފޮނުވި ސިޓީގައި ވަނީ މަޖިލީހުން ގަރާރެއް ފާސްކޮށްގެން ކޯޓުގައި އިޝްތިޝާރީ ލަފައަށް އެދި ހުށަހެޅިދާނެ ކަމަށެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު، ސުޕްރީމް ކޯޓުގެ ލަަފައެއް ހޯދުމަށް މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސްކުރުމާ މެދު ގޮތެއް ނިންމަން މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ވޯޓަށް އެހުމުން ގަރާރަށް ތާއީދު ކުރައްވާ ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ. ގަރާރާ ދެކޮޅަށް 30 މެންބަރަކު ވޯޓު ދެއްވި އެވެ.
އިތުބާރުގެ ނެތް މައްސަލަތަކާ ގުޅިގެން ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ކުރި ހުކުމުގައި ވަނީ، އެ ކޯޓުން ވަކި ގޮތަކަށް ކަނޑައަޅަންދެން އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރާ އެއްވެސް ފަރާތެއް މަގާމުން ވަކިނުވާނެ ކަމަށެވެ.
ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ހަފުތާގައި ފާސްކުރި ގަވާއިދު އޮތީ އެ ހުކުމަށް ފުށު އާރާ ގޮތަށެވެ. ކޮމެޓީން ފާސްކުރި ގަވާއިދުގައި ވަނީ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވާ ހިސާބުން އެ ފަރާތެއް މަގާމުން ވަކިވީ ކަމަށެވެ. އެއީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ވެސް އޮންނަ ގޮތެވެ
މަޖިލީހުން ފޮނުވި ސިޓީގެ ޖަވާބުގައި ސުޕްރީމް ކޯޓުން ފޮނުވި ސިޓީގައި ވަނީ ގާނޫނު އަސާސީގެ 95 ވަނަ މާއްދާގެ ދަށުން އިޝްތިޝާރީ ލަފައަކަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވިދާނެ ކަމަށް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ވަނީ ގާނޫނުގައިކަން އޮތް ގޮތާއި މެދު އުފެދޭ މުހިއްމު ސުވާލުތަކާ މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި މަޖިލީހުން ފާސްކުރާ ގަރާރެއް އެ ކޯޓަށް ހުށަހެޅި ދާނެ ކަމަށް އަދި ގާނޫނު އަސާސީ މާނަކުރުމުގެ މައްސަލަތަކާއި ގާނޫނެއްގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ މައްސަލަތައް ވެސް ހުށަހެޅިދާނެ ކަމަށް އެ މާއްދާގައިވެ އެވެ.
މިކަމާ މެދު ބަހުސް ކުރެއްވި ގިނަ މެންބަރުން ވެސް ވަނީ ސުޕްރީމް ކޯޓުގެ ނިންމުމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އިތުބާރުގެ ނެތް މައްސަލައަކީ ގާނޫނު އަސާސީން ސީދާ މަޖިލީހަށް ދީފައިވާ ބާރެކެވެ. އަދި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ޖެހެނީ ގާނޫނު މާނަކުރުމުގެ މައްސަލަތަކުގައި ކަމަށާއި މިހާރު ހުށަހެޅިގެން އުޅެނީ އެފަދަ މައްސަލައެއް ނޫން ކަމަށް ވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
އިތުބާރު ނެތް މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ލަފާ ހޯދަން ފާހެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ