ވިދްޔާގެ ބަދަލުގައި 'ކަހާނީ 3'އިން ފެންނާނީ ޔާމީ
ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ ވިދްޔާ ބާލަންގެ ފިލްމު "ކަހާނީ"ގެ ތިން ވަނަ ފިލްމުން ވިދްޔާގެ ބަދަލުގައި ފެންނާނީ ޔާމީ ގޯތަމް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގެ ރިޕޯޓެއްގައިވާ ގޮތުން ޔާމީ ފިލްމަށް ގެނައުމުގެ މަޝްވަރާތައް ޑައިރެކްޓަރު ސުބާޝް ގޯޝްއާ ދަނީ ކުރެވެމުންނެވެ. ރިޕޯޓްތަކުން އެނގޭ ގޮތުގައި، މި ފިލްމުގެ މަގްސަދަކީ ކުރިން ކާމިޔާބުވި ކަންތައްތައް ހަމައެކަނި ތަކުރާރު ކުރުމުގެ ބަދަލުގައި، މި ސިލްސިލާގެ އަސްލު ރޫހު ނުގެއްލޭނޭހެން އައު ތުރިލައެއް ބެލުންތެރިންނަށް ގެނެސްދިނުމެވެ. މިކަމާ ގުޅޭ މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، "ކަހާނީ 3" އަކީ މުޅިން ތަފާތު އައު ވާހަކައެކެވެ. އަމާޒަކީ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ މި ސިލްސިލާގެ އަސްލު ސިފަތަކާ އެކު، މި ފިލްމު އިތުރު ހަރުފަތަކަށް ގެންދިއުމެވެ. ވިދްޔާ ފިލްމު "ކަހާނީ"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ ތިންވަނަ ފިލްމަކީ އޭގެ އަސްލު ރޫހު ނުގެއްލޭ، ނަމަވެސް އާ ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމަކަށް ހެދުމަށްޓަކައި ޑައިރެކްޓަރު ސުބާޝް އޭނާގެ ޓީމާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ފިލްމީ ޚަބަރުތަކުން ވަީ ބުނެފައެވެ. މި ފިލްމުގައި ޔާމީ އަދާކުރާ ކެރެކްޓާ އަކީ ވަރަށް ވަރުގަދަ އަދި ފުން މާނައެއް އެކުލެވިގެންވާ ރޯލެކެވެ. ފިލްމުގެ މަސައްކަތް މިހާރު އޮތީ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައެވެ. އަދި ފިލްމުގެ ޝޫޓިން ފަށާނެ ތާވަލުތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ޔާމީ ގޯތަމްއާއެކު ކުރެވޭ މި މަސައްކަތާމެދު އޮތް އުންމީދު ބޮޑުއިރު، ފިލްމު އުފައްދާ ފަރާތްތަކުން މިހާރު ދަނީ ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހޭ ތާވަލު އެކުލަވައިލުމުގެ މަސައްކަތް ކުރަމުންނެވެ. ބަތަލާ ވިދްޔާ ބާލަން ލީޑް ރޯލް ކުޅުނު މި ފްރެންޗައިސްގެ ފުރަތަމަ ފިލްމު ރިލީޒްކުރީ 2012 ވަނަ އަހަރުއެވެ. އަދި ދެވަނަ ބައި ބެލުންތެރިންނަށް ގެނެސްދިނީ 2016 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ