ޓީވީ އިންޑަސްޓްރީގެ އަނދިރިފަރާތް ބަތަލާ ނަރަޔަނީ ޝާސްތުރީ ހާމަކޮށްދީފި
ޓީވީ އިންޑަސްޓްރީގެ ޕާޓީތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށާއި، އޭގެ ސަބަބުން މަސައްކަތުގެ މާހައުލަށް ނޭދެވޭ އަސަރުކުރާ ކަމަށް މަޝްހޫރު ބަތަލާ ނަރަޔަނީ ޝާސްތުރީ ހާމަކޮށްފިއެވެ. މަގުބޫލު ޓީވީ ޑްރާމާ ސިލްސިލާ "ކުސުމް" އަދި "ރިޝްތޯން ކާ ޗަކްރަވިއު"ގެ ބަތަލާ ނަރަޔަނީ ދާދިފަހުން ދިން އިންޓަވިއުއެއްގައި، އިންޑަސްޓްރީގެ ޕާޓީތަކާއި ހަފުލާތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މިންވަރާ ބެހޭގޮތުން ދެއްކި ވާހަކަތަކާ އެކު އާ ބަހުސެއް ވަނީ ފެށިފައެވެ. ސިދާތު ކަންނާނަށް ދިން މި އިންޓަވިއުގައި ނަރަޔަނީ ވަނީ އޭނާއަށް ފެނިފައިވާ ކަންކަމާއި އަމިއްލަ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، އިންޑަސްޓްރީގެ ތެރޭގައި އޮތް ބިރުވެރި ހަގީގަތްތަކެއް ހާމަކޮށްފައެވެ. ނަރަޔަނީ ފާހަގަކުރި ގޮތުގައި، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޕާޓީތަކުގެ މިޒާޖަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މިހާރު މަސްތުވާތަކެތި ހޯދުމަށް ވަކި ބަޖެޓެއް ކަނޑައަޅާފައި އޮންނަ ކަމަށާއި މިކަމުގެ ސަބަބުން އޭނާއަށް ބޮޑު ސިހުމެއް ލިބުނު ކަމަށް ބަތަލާ ބުނެފައިވެއެވެ. އެހެންވެ ފިލްމީ ތަރިންގެ އިތުރުން އިންޑަސްޓްރީގެ ފަރާތުން ބާއްވާ އެފަދަ ހަފުލާތަކާ ދުރަށް ދިޔަ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ނަރަޔަނީ ވަނީ ބުނެފައެވެ. "ރިޝްތޯން ކާ ޗަކްރަވިއު"ގެ މަންޒަރެއްގައި ބަތަލާ ނަރަޔަނީ--ފޮޓޯ/އެންޑީޓީވީ ވަކިވަކި ފަރުދުންގެ ނަން ހާމަނުކުރި ނަމަވެސް، ކުދިކުދި އަމިއްލަ ޕާޓީތަކުގައި މިފަދަ ކަންކަން ހިނގާ މަންޒަރު އޭނާއަށް ފެނިފައިވާ ކަމަށާއި، އެތަންތަނުގައި އެންމެންނަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުންކަން އެންމެންނަށް ވެސް އެނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. މަސްތުވާތަކެތީގެ ސަބަބުން މަސައްކަތަށް ކުރާ އަސަރުތަކާ ބެހޭގޮތުން ވާހަކަދައްކަމުން ނަރަޔަނީ ބުނީ، ބައެއް އެކްޓަރުން މަސްތުގެ ހާލުގައި ތިބުމުގެ ސަބަބުން މަސައްކަތް ކުރެވޭ ފަދަ ހާލަތެއްގައި ނެތުމުން، ޝޫޓިންގްތައް ލަސްވެ ނުވަތަ ކެންސަލް ކުރަންޖެހޭ ކަމަށެވެ. ނަރަޔަނީ ޝާސްތުރީގެ މި ވާހަކަތަކާ އެކު، މުނިފޫހިފިލުވުމުގެ ދާއިރާގައި ސިއްރުވެފައި އޮތް އަނދިރި ފަރާތަށް އަނެއްކާވެސް ވަނީ ސަމާލުކަން ހުއްޓިފައެވެ. އަދި މަސައްކަތުގެ މާހައުލުގައި އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ