ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާއި ރަނިންމޭޓް ފައިސަލް ނަސީމް މިއަދު އައްޑޫ ސިޓީގެ މީދޫއަށް ވަޑައިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕަ، މުހައްމަދު ސައީދާ ބައްދަލުކުރައްވައިފި އެވެ.
އިބޫ އާއި ފައިސަލް މީދޫއަށް ވަޑައިގެން މުހައްމަދު ސައީދާ ބައްދަލުކުރެއްވީ އެމަނިކުފާނު މީދޫގައި ދިރިއުޅުއްވާ އަލިވާގޭގަ އެވެ.
އަބްދުﷲ ސައީދު ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށް ދެކެވަޑައިގަންނަވާތީ އެމަނިކުފާނު ޖަލުން މިނިވަންކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އިބޫއާއި ފައިސަލް އަށް މުހައްމަދު ސައީދު މިބައްދަލުވުމުގައި ދެންނެވި ކަމަށް މައުލޫމާތު ލިބެ އެވެ. އަބްދުﷲ ސައީދު ޖަލަށް ލާފައިވަނީ ގާނޫނު ނެގެހެއްޓުމަށް މަގާމުގެ ހައިސިއްޔަތުން ނެރުއްވި އަމުރަކާ ގުޅިގެން ކަމަށް މުހައްމަދު ސައީދު މިބައްދަލުވުމުގައި ވިދާޅުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
އަބްދުﷲ ސައީދަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އިބޫއާއި ފައިސަލް މިބައްދަލުވުމުގައި ދެއްވާފައިވާ ކަމަށްވެ އެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ތަފާތު ތިން ދައުވާއެއް ސާބިތުވެ އެމަނިކުފާނަށް ޖުމްލަ ތިން އަހަރާއި އެއް މަހުގެ ޖަލު ހުކުމެއް މިހާރުވެސް ވަނީ އިއްވާފަ އެވެ. އަދި ބައެއް މައްސަލަތަކުގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާތީ އުއްތަމަ ފަނޑިޔާރުގެ މަގާމު ވަނީ ގެއްްލިވަޑައިގެންފަ އެވެ.
ރިޝްވަތު ނަންގަވައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ އަބްދުﷲ ސައީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފަ އެވެ.
މިމައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު މިމައްސަލަ ސާބިތުވެއްޖެނަމަ އެމަނިކުފާނުގެ މައްޗަށް 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
އިބޫއާއި ފައިސަލް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބައްޕައާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ