ދާއިރާގެ ކަންބޮޑުވުންތަކާއެކު ނާޒިމް، ރައީސް ސޯލިހުގެ އަރިހަށް

ދަނގެތީ ދާއިރާއަށް ކުރެއްވި ދަތުރުފުޅުގައި ދާއިރާގެ ރައްޔިތުން ފާހަގަކުރެއްވި މައްސަލަތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަމާލުކަމަށް ގެނައުމަށް، އެ ދާއިރާއަށް ކުރިމަތިލައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރައީސް ސޯލިހާއި ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނާޒިމް ވަނީ ދަނގެތީ ދާއިރާއަށް މުހިންމު ކަންކަމުގެ މައުލޫމާތު ރައީސާއި ހިއްސާކުރައްވާފައެވެ. އަދި މިހާރުން މިހާރަށް ހައްލުކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއިއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށެވެ. މި ބައްދަލުވުމުގައި ދާދިފަހުން ދަނގެތީ ދާއިރާއަށް ކުރެއްވި ދަތުރުގައި ފާހަގަކުރެވުނު ހުރިހާ މައްސަލަތައް ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި ދަނގެތީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްވާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ