އިންޑިއާގެ ޖީއެމްއާރު ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ރަންވޭއެއް އެޅުމަށް ނިންމާފައި ނުވާ ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީގެ ޗެއާމަން މުހައްމަދު އުމަރު މަނިކް ވިދާޅުވެއްޖެއެވެ.
ޔުނިވާސަލްގެ ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ އުމަރު މިހެން ވިދާޅުވީ، "މައި ނޭޝަން މައި ފިއުޗަރ" ގެ ނަމުގައި ޓީވީއެމުން މިރޭ ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުން ރާއްޖެއަށް ގެންނަނީ ވަރަށް ބޮޑެތި ތަރައްގީތަކެއް ކަމަށާއި އެގޮތުން އުމްރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަރަށް ގިނަ ތަރައްގީ އަންނަމުންދާ ކަމަށެވެ. މިގޮތުން ވާހަކަ ދައްކަވަމުން އިންޑިއާގެ ޖީއެމްއާރު ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ރަންވޭއެއް އެޅުމަށް ނިންމާފައި ނުވާ ކަމަށާއި، އެއާޕޯޓްގައި އަޅަން އުޅުނީ ޕަސެންޖާ ޓާމިނަލެއް ކަމަށް އުމަރު މަނިކު ވިދާޅުވިއެވެ.
އުމަރު މަނިކު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ކުވައިތު ފަންޑުން ރާއްޖެއަށް ދިން 30 މިލިއަން ޑޮލަރުން ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން އެއާޕޯޓް ތަރައްގީ ކުރުމުގެ ގޮތުން އާ ރަންވޭއެއް އެޅުމުގެ މަސައްކަތް ނުކުރާ ކަމަށް އުމަރު މަނިކު ވިދާޅުވިއެވެ.
"އެއާޕޯޓް އެޅުމަށް ކުވައިތު ފަންޑުން ދިނީ 30 މިލިއަން ޑޮލަރު. ހަގީގަތަށް ބަލަންޏާ އެއާޕޯޓްގެ ރަންވޭ އޮތީ ހަލާކް ވެފައި. އެކަން މި ސަރުކާރުން ނިންމައި ދެވަނަ ރަންވޭއެއް އެއާޕޯޓްގައި އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ޖީއެމްއާރުން ރަންވޭއެއް އަޅަން ނިންމާފައެެއް ނެތް، އޮތީ އެއާޕޯޓް ޓާމިނަލެއް އަޅަން ނިންމާފަ" އުމަރު މަނިކު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު މަނިކު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން އެއާޕޯޓް ތަރައްގީ ކުރުމުގެ ގޮތުން އާ ރަންވޭއެއް އެޅުމަށް މަސައްކަތް ކުރުމަކީ، އޭނާ ނުހަނު ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުން ކުރަމުން އަންނަ ރަންވޭ އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، އެއާޕޯޓްގެ ހިދުމަތް ހޯދަމުންދާ މީހުންގެ އިތުރުން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތަށް މުޅިން އާ ރަންވޭއެއް އަޅަންޖެހިފައި އޮތް އެއާޕޯޓެއްކަން އެނާ ފާހަގަ ކުރެއްވިއެވެ.
"އެއާޕޯޓް ތަރައްގީ ކުރުމުގެ ގޮތުން އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރުމަށް މިސަރުކާރުން މަސައްކަތް ކޮށް، އެ މަސައްކަތް ކުރުމަކީ ސަތޭކައިން ސަތޭކަ ތާއީދު ކުރާ ކަމެއް،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެޅުމުގެ އިތުރުން ވެސް ރައީސް ޔާމީންގެ ސަރުކާރުން ގެންދަނީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ނުހަނު ގިނަ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ ރާއްޖޭގެ ތަރައްގީއަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތައް މިހާރުއްސުރެ ސިފަކޮށް ބެލުމަށް ކަމަށް އުމަރު މަނިކު ވިދާޅުވިއެވެ.
އުމަރު މަނިކު މިހެން ވިދާޅުވި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ކުރީގެ އިބްރާހީމް ނާސިރް އިންޓަނޭޝަނަލް އެއާޕޯޓް) މުޅިން އާ ރަންވޭ އަކާއި، އިންޓަނޭޝަލް ޓާމިނަލް އެއް އެޅައި، އެތަން ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު ވަނީ އިންޑިއާގެ ޖީއެމްއާރަށް 25 އަހަރަށް ކުއްޔައް ދޫކޮށްފައެވެ.
އެއީ ޓާމިނަލް އާއި ރަންވޭ 2014 ވަނަ އަހަރު ހުޅުވާގޮތަށެވެ. ނަމަވެސް 2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ބަދަލުވެ، ވެރިކަމަށް ވަޑައިގެންނެވި އެމަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އިންޑިއާގެ ޖިއެމްއާރާއި އެކު ހެދި އެއްބަސްވުން ބާތިލުކޮށްފައެވެ. އެހެންވެ ރާއްޖެއިން ހަތަރު ބިލިއަން ރުފިޔާ ޖީއެމްއާރަށް ދައްކަން ޖެހުނެވެ.
ޖީއެމްއާރުން ރަންވޭއެއް އަޅަން ނިންމާފައެއް ނެތް: އުމަރު މަނިކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ