އިންތިހާބުގައި ވާދަ ނުކުރަން ޝުޖާއު އާއި އުމަރު ނިންމަވައިފި

މިއަހަރުގެ ރިޔާސީ އިންތުހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަމަށް ވިދާޅުވެފައިވާ ލޯކަލް ގަވަރްމެންޓް އޮތޯރިޓީ، އެލްޖީއޭ ގެ ކުރީގެ ނައިބު ރައީސް ސުޖާއު ހުސައިން އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް އިންތުހަބުގައި ވާދަ ނުކުރެއްވުމަށް ނިންމަވައިފިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލާފައިވާއިރު އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅުމުގެ ސުންގަޑި މިއަދު 16:00 އަށް ހަމަވާނެ އެވެ.
އުމަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ އަންނަ ރިޔާސީ އިންތިހާބަކީ ހަރުދަނާ ސިޔާސަތުތަކާއި ގައުމު އަމާން މިސްރާބަކަށް ގެންގޮސްދޭނެ ލީޑަރުން އިންތިހާބު ކުރުމަށް ވުރެ ބޮޑަށް ފެންނަ ނުފެންނަ ވޯޓަކަށް ބަދަލުވެފައިވާތީ ކަމުގައެވެ.
އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވިކަން ޝުޖާއުވެސް މިއަދުވަނީ އިއުލާނު ކުރައްވާފައެވެ.
އިންތިހަބުގައި ވާދަ ކުރެއްވުމަށް މިހާތަނަށް ކުރިމަތިލެއްވީ ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލެއްވި ހުސައިން ނަސީރެވެ.
ނަމަވެސް ހުސެއިން ނަސީރުގެ ފޯމް ކުށުގެ ރެކޯޑުގައި މައްސަލަތަކެއް އުޅޭތީ އޭނާގެ ފޯމް އިލެކްޝަން ކޮމިޝަނުން ވަނީ ބާތިލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ