ލަންކާގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރީގައި ރާޖަޕަކްސަގެ އިއްތިހާދު

ސްރީލަންކާގައި އިއްޔެ ކުރިޔަށް ގެންދިޔަ ލޯކަލް ގަވަމަނެންޓްތަކުގެ އިންތިޚާބުގެ ނަތީޖާތައް އިއުލާނުކުރަން ފަށައިފިއެވެ. މިހާތަނަށް އިއުލާނުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، ކުރީގައި އުޅުއްވަނީ އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އުފައްދަވާފައިވާ އިދިކޮޅު އިއްތިހާދެވެ. ލޯކަލް ގަވަމެންޓް އިންތިޚާބަށް ކުރީގެ ރައީސް އަދި މިހާރު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މަހިންދަ ރާޖަޕަކްސަ ވަނީ، އިދިކޮޅު ގިނަ ފަރާތްތަކެއް އެކުލެވޭ އިއްތިހާދެއް އުފައްދަވައިފައެވެ. އެ އިއްތިހާދަށް ކިޔަނީ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)، ނުވަތަ ސްރީލަންކާ ރައްޔިތުންގެ އިއްތިހާދެވެ. އިންތިޚާބުގައި އެންމެ ވާދަވެރިކޮށް ފެނިފައިވަނީ ރާޖަޕަކްސަގެ އެސްއެލްޕީޕީއާއި، ސްރީލަންކާގެ ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ސިންހަލަ ނަސްލުގެ މެޖޯރިޓީ އޮންނަ ސަރަހައްދުތަކުގެ މެޖޯރިޓީ ވޯޓު ލިބިފައިވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އެސްއެލްޕީޕީއަށެވެ. އެގޮތުން، ސްރީލަންކާގެ 25 ޑިސްޓްރިކްޓުގެ ތެރެއިން 13 ޑިސްޓްރިކްޓަކުން ވަރަށް ބޮޑު އަގުލަބިއްޔަތެއް އެޕާޓީން ވަނީ ހޯދައިފައެވެ. އަދި ތަމަޅަ ނަސްލުގެ ސަރަހައްދުތަކުގެ މެޖޯރިޓީ ލިބިފައިވަނީ އިލަންކައި ޓެމިލް އަރަސު ކައްޗި (އައިޓީއޭކޭ) ޕާޓީއަށެވެ. ލަންކާގައި އުފައްދާފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ މައި ދެ ބައިވެރިންނަކީ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީއާއި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީއެވެ. ދެ ޕާޓީގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، ދެ ޕާޓީން ލޯކަލް އިންތިޚާބުގައި ވާދަކުރީ ވަކިންނެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ވެރިކަން ކުރާ ޔޫއެންޕީއަށް ލިބިފައިވަނީ 25 ޑިސްޓްރިކްޓުގެ ތެރެއިން އެންމެ ހަ ޑިސްޓްރިކްޓެއްގެ މެޖޯރިޓީ ވޯޓެވެ. މި ނަތީޖާއާ ގުޅިގެން، ރައީސް މަހިންދަ ރާޖަޕަކްސަގެ އިއްތިހާދުގެ ބައިވެރިން ގެންދަނީ ލަންކާގައި މިހާރު އޮތް ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވަލަމުންނެވެ. ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ ހަމްބަންތޮޓަ ޑިސްޓްރިކްޓުގެ މެމްބަރު ނާމަލް ރާޖަޕަކްސަ ވަނީ، ލަންކާގެ ގާނޫނު ހަދާ މަޖިލީސް އުވާލައި، އެ މަޖިލީހުގެ އިންތިޚާބު އަލުން ބޭއްވުމަށް ގޮވާލައިފައެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާއިން އިދިކޮޅު އެސްއެލްޕީޕީއަށް މެޖޯރިޓީ ލިބުނު ކަމުގައި ވީ ނަމަވެސް، ވެރިރަށް ކޮލޮމްބޯގެ މުނިސިޕަލް ކައުންސިލްގެ މެޖޯރިޓީ ލިބިފައިވަނީ ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ