ށ. ބިލެތްފަހީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ރޭ ދަންވަރު ބަޔަކު ރޯކޮށްލުމާ ގުޅިގެން މުޅި ރަށުން ކަރަންޓް ކަނޑައިގެން ގޮސް އާންމު ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އެ ރަށު ކައުންސިލްގެ އިދާރާ އިން ބުނެފި އެވެ.
ބިލެތްފަހި ރަށު ކައުންސިލްގެ ރައީސް އަބުދުﷲ ޒިޔާދު މިއަދު ވިދާޅުވީ މާޗް މަހުން ފެށިގެން ސިލްސިލާކޮށް އެ ރަށު މަގުތަކުގައި ހުރި ޑިސްޓްރިބިއުޝަން ބޯޑުތަކުގައި ރޯކޮށް ގެއްލުންދެމުންދާ ކަމަށެވެ. އަދި ރޭ މުޅި ރަށުން ކަރަންޓް ދިޔައީ ހުރިހާ ފޮށިތަކެއްގެ ކަރަންޓް ނަރު ގުޅާފައި ހުރި ޑިސްޓްރިބިއުޝަން ފޮށީގައި ދަންވަރު 2:00 ޖަހާއެހާކަންހާއިރު ބޮނބި އަޅާ ރޯ ކޮށްލުމުން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ބިލެތްފަހި ޒުވާނުންގެ ކުލަބުން އެ ރަށަށް ކަރަންޓް ދޭތާ 29 އަހަރު ވެފައިވާ އިރު ރެއާ ހަމައަށް ހަތް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ވަނީ ރޯ ކޮށްލާފައި ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި ކަރަންޓް ނެތުމުގެ ސަބަބުން އެ ރަށުގައި ހުރި ސަރުކާރު ހުރިހާ އޮފީސްތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ އިރު އާންމު ރައްޔިތުންނަށް ދަނީ ކަރަންޓް ނެތުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތި ވަމުން ކަމަށް ޒިޔާދު ވިދާޅުވި އެވެ.
"ބައެއް ގޭގޭގައި އެބަހުރި ކަރަންޓް ނެތިގެން މީހުންނަށް ފެންނުވެރިފައި. ގިނަ މީހުންގެ ފޯނުތަކުގެ ޗާޖް ގޮސްފައި. އަނެއްކާ ފިހާރަތަކުގެ ފުރިޖްތަކުގައި ހުރި ކުކުޅާއި ސޮސެޖް ކަހަލަ އެއްޗެއްސަށް ވަރަށް ބޮޑެތި ގެއްލުން ވާނެ،" ބިލެތްފަހި ރަށު ކައުންސިލްގެ ރައީސް އަބުދުﷲ ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ކަމާ ބެހޭ ފަރާތްތަކަށް މިހާރު މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.
ބިލަތްފަހީ ކަރަންޓް ފޮށިތައް ރޯކޮށް ރަށުން ކަރަންޓް ދުއްވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ