ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމް ހިސޯރުކޮށްފައިވާ ކަމަށް ބުނެ ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް މެންބަރުންތަކެއް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަަ އަނބުރާ ގެންގޮސްފައިވާ ކަމަށް މިއަދު މީޑިއާގައި ރިޕޯޓްކޮށްފައިވީ ނަމަވެސް އެމައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާ ކަމަށް ޕީޕީއެމް އޮފީހުން ބުނެފި އެވެ.
ެރައީސް މައުމޫނާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފައިވަނީ އެ މައްސަލަ ސިވިލް ކޯޓަށް ބަލައިގެންފައިވަނިކޮށް ކަމަށް އެމައްސަލަ ކޯޓަށް ހުށަހެޅި ބޭފުޅުންނާ ހަވާލާދީ މިއަދު މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ރައީސް މައުމޫނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ޕީޕީއެމްގެ މަޖިލިސް ދެ މެންބަރުން ކަމަށްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ.
މި ދެ ބޭފުޅުން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ގުނަންތައް ރައީސް މައުމޫނު ހުއްޓުވާފައިވާ ކަމަށް ބުނެ އެކަމަށް ނިމުމެއް ގެނެސްދިނުމަށާއި، ޕީޕީއެމް އިސްލާހު ކުރަން ކަމަށް ވިދާޅުވެ ރައީސް މައުމޫން އިއުލާންކުރައްވާފައިވާ އިސްލާހީ އެޖެންޑާ ބާތިލްކޮށްދިނުމަށެވެ.
މައްސަލަ ހުށަހެޅުއްވި މެންބަރުން އަނބުރާ މައްސަލަ ގެނައީ ޕީޕީއެމްގެ ކޮމިޓީތައް ހުއްޓުވާފައި އޮތް އޮތުން ރައީސް މައުމޫން އިއްޔެގެ ވަގުތެއްގައި ނިމުމަކަށް ގެނެސް ކޮމިޓީތައް ހިންގުމަށް އަލުން ފުރުސަތު ދެއްވުމުން ކަމަށް ކޯޓަށް މައްސަލަ ހުށަހެޅުއްވި މެންބަރުން ވަނީ މިއަދު މީޑިއާގައި ވިދާޅުވެފަ އެވެ.
ވީނިއުސްއަށް މިރޭ މައުލޫމާތު ދެއްވަމުން ރައީސް މައުމޫނަށް ތާއީދުކުރައްވާ ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މިމަހުގެ 17 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް އަންގާ މިއަދު ސިވިލް ކޯޓުން ޕީޕީއެމްގެ އޮފީހަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަަލަ އަނބުރާ ނަގާފައިވާ ކަމަށް މީޑިއާތަކުން ހަބަރު ފެތުރި ނަަމަވެސް އެއްވެސް ފަރާތަކުން އެކަން ޕާޓީގެ އޮފީހަށް އަންގާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސިވިލް ކޯޓުން ޕީޕީއެމްގެ އޮފީހަށް ފޮނުވި ޗިޓްގެ އަސްލު އޭނާ ވަނީ ވީނިއުސްގެ ނޫސްވެރިންނަށް ދައްކާލާފަ އެވެ. އެ ޗިޓްގައި ވަނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އަށް ކޯޓަށް ހާޒިރުވުމަށް ޕީޕީއެމްއަށް އަންގާފަ އެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ބޮޑުވެ ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދިފައިވަނިކޮށް ޕީޕީއެމްގެ ކޮމިޓީތައް ހުއްޓުވުމަކަށް ގެނައުމަށްފަހު ކޮމިޓީތަކުގެ މަސައްކަތްތައް އަލުން ފެށުމަށް ރައީސް މައުމޫން އިއްޔެގެ ވަގުތެއްގައި ވަނީ ހުއްދަ ދެއްވާފަ އެވެ. ނަމަވެސް މިފަދަ ނިންމުމެއް ރައީސް މައުމޫން ނިންމެވި ވަކި ސަބަބެއް އެމަނިކުފާނު ވިދާޅުވެފައެއް ނުވެ އެވެ.
މައުމޫނާ ދެކޮޅު މައްސަލަ ކޯޓުން ނެގި ކަމަށް ބުނެފައިވަނިކޮށް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ