ކަރަންޓް ބިލްގައި ނުހިފުމުން ތުޅާދޫގެ ބައެއް ގޭގެއިން ކަރަންޓް ކަނޑަނީ

ބ.ތުޅާދޫގެ ގޭގެއަށް ފޮނުވާ ކަރަންޓު ބިލުތައް އެރަށުގެ ގޭގެއިން ބަލައިގަންނަމުން ނުދާތީ، ފެނަކަ ކޯޕަރޭޝަނުން ބ.ތުޅާދޫގެ ބައެއް ގޭގެއިން ކަރަންޓް ކަނޑާލުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަމާ ގުޅިގެން "ވަގުތަށް" މައުލޫމާތުދެމުން ތުޅާދޫއިން ވާހަކަދެއްކި މީހަކު ބުނީ، ކަރަންޓު ބިލު ނުދެއްކުމާ ގުޅިގެން ރަތް ބިލު މިއަދު ބައެއް ގެތަކަށް ފޮނުވި ކަމަށާއި، ނަމަވެސް ބައެއް ގޭގެއިން އެ ބިލާ ހަވާލުވާން ދެކޮޅު ހެދި ކަމަށެވެ. ބިލާ ހަވާލުވާން ދެކޮޅު ހެދި ގެތަކުން ކަރަންޓު މިހާރު ކަނޑާލައިފައިވާ ކަމަށާއި، ކަރަންޓު ކަނޑާލުމުން ބައެއް ގެތަކުން މިހާރު ބިލާ ހަވާލުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ބިލް ދައްކަންޖެހެނީ ކައުންސިލަށް ކަމެއް ނުވަތަ ފެނަކައަށް ކަމެއް އަހަރުމެންނަކަށް ނޭނގޭ. އެ މައްސަލަ އޮތީ ވެސް ކޯޓުގައި. އަނެއްކޮޅުން ރަތް ބިލު ފޮނުވިޔަސް އެ ދައްކަންވެސް ވަކި މުއްދަތެއް ދޭންޖެހޭނެ. މާދަމާ އަކީ ބަންދު ދުވަހެއް. އަދި ބިލެއްގައި ނުހިފިޔަސް، ކަރަންޓެއް ނުކެނޑޭނެ" އޭނާ ބުންޏެވެ.
ބިލު ނުހިފުމާ ގުޅިގެން، ފަސް ގެއަކުން ކަރަންޓް ކަނޑާލާފައިވާ ކަމަށާއި، ކަރަންޓް ކަނޑާލާފައިވަނީ މިއަދު ހަވީރު ކަމަށްވެސް، އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ތުޅާދޫ ކައުންސިލުން ބުނީ، ގެތަކުން ކަރަންޓް ކެނޑި ވާހަކަ "ރަށު ތެރެއިން" އިވޭ ކަމަށެވެ. އަދި ފުލުހުން ވެސް ގެތަކުން ކަރަންޓު ކަނޑާލުމާއި ގުޅޭގޮތުން ކައުންސިލަށް ގުޅި ކަމަށާއި، ނަމަވެސް އެކަމަކީ ފެނަކައާ ބެހޭ ކަމެއް ކަމުން ކައުންސިލުން އެކަމާ ކުރާނެ ކަމެއް ނޯންނާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މިކަމާ ގުޅިގެން، ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ތުޅާދޫގައި ތިބި ފެނަކައިގެ މީހުންނަށް އިންޒާރުދީފައި ވާތީ އެއްވެސް ގޯހެއް ހިނގިޔަ ނުދިނުމަށާއި ފެނަކައިގެ މުވައްޒަފުންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ފުލުހުން އެ ރަށުގައި ހަރަކާތްތެރިވެފައިވާނެ ކަމަށެވެ. އަދި މިހާރު އުފެދިފައިވާ މައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރުމަށް، މަސައްކަތްކޮށްފައި ވާނެ ކަމަށް ވެސް، މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން، ތުޅާދޫ ފެނަކައިގެ ބޭފުޅަކަށް ގުޅާލުމުން ވަނީ "މިކަން ހިނގާދިޔަ ގޮތުން މައުލޫމާތެއް ދެވެން ނޭނގޭ" ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ