"އައްޑޫ ތަރައްގީ" ބޭނުންކުރަނީ ވޯޓު ހޯދާ ހަަތިޔާރަކަށް!

ޕޯޑިއަމަކަށް އަރައިފިނަމަ އެންމެ ގިނައިން ދައްކާ އެއް ވަހަކަ އަކީ އައްޑޫގެ ތަރައްގީގެ ވާހަކައެވެ. އައްޑޫ ތަރައްގީ ނުވެ ރާއްޖެ ވެސް ތަރައްގީނުވާނެ ވާހަކައެވެ. މި ވާހަކަ އިވިއިވި އެ ވާހަކައަށް އާދަވި މީހުން މިހާރު މަދެއް ނުވާނެއެވެ.
ސިޔާސީ ވެރިން ޕޯޑިއަމަށް އަރާ އެ ބުނާ އައްޑޫގެ ތަރައްގީ ކޮބައި ހެއްޔެވެ؟ އެ ބުނާ ތަރައްގީ އެއްވެސް ސަރުކާރެއްގައި އައްޑޫ އަށް ގެނެސްދެވިއްޖެ ހެއްޔެވެ؟ އައްޑޫގެ ހާލަތު މިހާރު އޮތް ގޮތަށް ބަލާ އިރު، ހަގީގަތަކީ ސިޔާސީ ވެރިން އެ ދައްކަވާ ތަރައްގީގެ އެ ހުވަފެނުގައި ހަގީގީ ކުލަ ޖެހޭ ތަނެއް އައްޑޫ ރައްޔިތުންނަށް ނުފެންނަ ކަމެވެ.
މިކަމުގަ ވަކި ސަރުކާރަކަށް އިނގިލި ދިއްކުރުމުގެ މާނައެއް ނެތެވެ. ސިޔާސީ ވެރިން އައްޑޫގައި ބޮޑު އާބާދީއެއް އޮތް ތަނަކަށްވުމުން ކޮންމެ އިންތިހާބަކާ ދިމާކޮށް އެ ވާހަކަ ދައްކަވަން މަޖުބޫރުވަނީއެވެ. 2023 ވަނަ އަހަރަކީ އަނެއްކާވެސް ރިޔާސީ އިންތިހާބަކަށް ދާން އޮތް އަހަރެވެ. އެހެންވެ މިހާރު މިވަނީ އައްޑޫ ތަރައްގީގެ ވާހަކައިގެ އަޑު އަނެއްކާވެސް ގަދަވާން ފަށަފައެވެ. ވޯޓް ހޯދަން ރައްޔިތުންގެ ގާތަށް އަންނަން ޖެހޭ ކޮންމެ ދަނޑިވަޅެއްގައި ކަން ހިނގާ ގޮތަކީ މިއީއެވެ. އަދި ސިޔާސީ ބޭފުޅުން ދައްކަވާ އުންމީދީ ވާހަކަތަކުގެ ސަބަބުން އައްޑޫ މީހުން ވަރަށް އަވަހަށް ހެއްލޭ ކަމަށް ބުނާ މީހުން ވެސް މި ރާއްޖޭގައި މަދެއް ނުވާނެއެވެ.
މިހާރުވެސް ތިން ރިސޯޓާއި ޓޫރިޒަމާ ގުޅުން ހުރި އެތައް ފެސިލިޓީއަކާއި ލޯކަލް ޓޫރިޒަމަށް ހާއްސަކޮށްގެން އިތުރު ތަންތަން ތަރައްގީކުރަން އޮތީއެވެ. މި ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މި ދައުރު ނިމޭ އިރު، ލޯކަލް ޓޫރިޒަމާ އެކު އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އެނދަށް އިތުރުކުރެވޭނެއެވެ. އެކަމަކު ދައުރު ނިމެން ދޮޅު އަހަރަށް ގާތްވީ އިރު ވެސް، އެ މަޝްރޫއުގެ ތެރެއިން ހަގީގަތަކަށްވީ ކަމެއް އަދިއެއް ފެންނާކަށް ނެތެވެ.
މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ އައްޑޫގެ ތަރައްގީއާ ގުޅުވައިގެން ހުޅުމީދު އާއި ހިތަދުއާ ދޭތެރޭ ބްރިޖެއް އަޅާ ވާހަކައެވެ. މި ވާހަކަ އިދިކޮޅު ކޯލިޝަނުންވެސް ވަރަށް ސީރިއަސްކޮށް ނަގައެވެ. އައްޑޫ ސިއްހީ ދާއިރާއަށް ބަލާއިރާ، ސިއްހީ ދާރިއާ މިއޮތީ ކަފުން ކޮށް ވަޅުލާ ހިސާބުގައެވެ. އަމިއްލަ މީހުން ހިންގާ ކްލިނިކްތަކަށް ބަރޯސާ ވެގެން ތިބި އައްޑޫ ރައްޔިތުންމަށް ކުރީ ސަރުކާރުން ދިނީ ބޮޑު އިމާރަތްތެކެވެ. އެތަނުންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ހަމަ އައްޑޫ ރައްޔިތުންނަށެވެ. އެ ވެރިކަން ނިމި އައު ވެރިކަމެއް ފެށުނީއެވެ. މި ވެރީކަމަށް ވެސް މިހާރު 3 އަހަރު ވީއިރުވެސް އައްޑޫ ރައްޔިތުންނަށް އެ އިމާރަތުން ލިބުނު މާ ބޮޑު ފައިދާއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ދަތުރުފަތުރުވެސް ދަނީ ހަމަ މި ބީދާއިންނެވެ. ހުޅުދޫ މިދޫން ފެދޫ އަށް ދާން މިގެ ކުރިން 20 މިނިޓުން ދެވުނު އިރު މިހާރު ގެނައި އައު ލޯންޗްތަކާއެކު 20 މިނިޓް ބަދަލުވެގެންދިޔައީ 30 މިނިޓަށެވެ. އައްޑޫގެ ތަރައްގީއަށް ކުރާނެ ކަންކަމުގެ ވާހަކައިގެ ފޯރި ދެން ދާނީ އަނެއްކާވެސް ގަދަވަމުންނެވެ. ސުވާލަކީ އެ އަޑުތަކުން ހަމަ ހަގީގަތުގައި ވެސް އައްޑޫ ރައްޔިތުންގެ އުންމީދު އާވޭނެ ހެއްޔެވެ؟
ސިޔާސީ މީހުން އެ ބުނާ ތަރައްގީއަކީ ކުރިއެރުމުގެ ބަދާލުގައި ފަހަތަށް ދިޔުން ކަމަށް ވާނަމަ އައްޑޫ މިހާރު އޮތީ ތަރައްގީގެ ރޭހުގައި އަތް ނުފޯރާ ހިސާބަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ