ކަރަންޓް ހަރަދު ކުޑަކުރަން ހެޔާޑްރަޔާ ބޭނުން ނުކުރަން ވެނެޒުއޭލާގެ ރައީސް އެދިއްޖެ

ކަރަކަސް (އޭޕްރިލް 10): ވެނެޒުއޭލާއަށް ދިމާވެފައިވާ ހަކަތަ އުފެއްދުމުގެ މައްސަލައާ ގުޅިގެން، ހަކަތަ ބޭނުން ކުރުން ކުޑަ ކުރުމުގެ ގޮތުން އަންހެނުން ހެޔާޑްރަޔާ ބޭނުން ނުކުރުމަށް އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އެދިވަޑައިގެންފި އެވެ. ވެނެޒުއޭލާގެ ބޮޑު ސަރަހައްދަކަށް ކަރަންޓު ފޯރުކޮށް ދެނީ ފެނުން އުފައްދާ ހަކަތައިންނެވެ. ނަމަވެސް، މިދިޔަ އަހަރު ތެރޭގައި މަދުން ވާރޭ ވެހުމުން ހަކަތަ އުފައްދަން ރައްކާކޮށްފައިވާ ފެނުގެ މިންވަރު ވަނީ ކުޑަވެފަ އެވެ. އެހެންކަމުން، ވެނެޒުއޭލާއަށް ވަނީ ކަރަންޓު ހަރަދު ކުރުމުގައި ވަރަށް ބޮޑަށް ބަލަންޖެހިފަ އެވެ. ކަރަންޓު ހަރަދު ކުޑަ ކުރުމުގެ ގޮތުން، ރައީސް މަޑޫރޯ ވަނީ ކަރަންޓު ބޭނުންވާ އާލާތްތައް ބޭނުން ކުރުން ވީހާވެސް މަދު ކުރުމަށް ގޮވާލައްވާފަ އެވެ. އޭގެ ތެރޭގައި، ހެދުން ދޮވުމަށް ފަހު މެޝިނުން ހިއްކުމުގެ ބަދަލުގައި އަވިން ހިއްކުމާއި ހެޔާ ޑްރަޔާ ބޭނުން ކުރުމުގެ ބަދަލުގައި ގުދުރަތީ ގޮތުން އިސްތަށިގަނޑުން ފެން ހިއްކުމަށް ރައީސް އެދިވަޑައިގަތެވެ. "އަޅުގަނޑު އަބަދުވެސް ދެކޭ ގޮތުގައި އަންހެނުން މާރީތި ގުދުރަތީ ގޮތުން އިސްތަށިގަނޑުން ފެން ހިއްކީމަ. އެއީ އަޅުގަނޑުގެ ހިޔާލެއް،" ހެޔާ ޑްރަޔާ ހަމައެކަނީ "ހާއްސަ މުނާސަބަތު ތަކުގައި" ބޭނުން ކުރުމަށް އެދި ރައީސް މަޑޫރޯ ވިދާޅުވި އެވެ. މީގެ އިތުރުން، ވެނެޒުއޭލާގެ ސަރުކާރުން ވަނީ މި މަހާއި ކުރިއަށް އޮތް މަހުގެ ހުކުރު ދުވަސްތަކަކީ ސަރުކާރު މުވައްޒަފުންނަށް ބަންދު ދުވަސްތައް ކަމަށް ހަމަޖައްސާފަ އެވެ. ވެނެޒުއޭލާއަށް މިހާރު ދިމާވެފައިވާ ހަކަތައިގެ މައްސަލައާ ގުޅިގެން ރައީސް މަޑޫރޯއަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. (އިންޑިޕެންޑެންޓް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ