ގޭންގު ލީޑަރުން މިހާރު ކުރާ މަސައްކަތް ހުއްޓާލައި، އާއްމު ހާލަތަށް ރުޖޫއަވުމަށް އުމަރު ގޮވާލައްވައިފި
ރާއްޖޭގައި އުޅޭ ގޭންގު ލީޑަރުން މިހާރު ކުރަމުންދާ ނުރަނގަޅު މަސައްކަތްތައް ހުއްޓާލައި، އާއްމު ހާލަތައް ރުޖޫއަވުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފި އެވެ. ދިޓީވީ ޚަބަރުތެރެއިން ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވަނީ، ގޭންގު ލީޑަރުން މިހާރު އުޅޭ ގޮތް ދޫކޮށް ވަޒީފާތަކަށް ނުކުމެ، އެހެން މީހުން ވެސް އާމްދަނީ ހޯދާ ގޮތަށް އާމްދަނީ ހޯދައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ. އެކަމަށް މިހާރު ވަގުތު ދެމުންދާ ކަމަށާއި އެކަން ނުކޮށްފިނަމަ ފަހަތުން ދުވެ ޓެގް އަޅުވަންޖެހިދާނެ ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. "އެކަން (އާއްމު ހާލަތައް ރުޖޫއަވުން) ނުކޮށްފިއްޔާ އެމީހުންގެ ފަހަތުންދާނަން. ޓެގް ކުރާނަން. އަޅުގަނޑަށް ހެޔޮ ކިތަންމެ ބައިވަރު މީހެއްގައިގަ ޓެގްކުރަން ޖެހުނަސް. އެއްގޮތަކަށް ވެސް ދުލެއް ނުދޭނަން. އަޅުގަނޑު މިހާރު ވަގުތު މިދެނީ އެމީހުންނަށް، އެމީހުންގެ އާއްމު ހާލަތަށް ރުޖޫއަވެގެން އާއްމުން ދިރިއުޅޭހެން ދިރިއުޅެން. އާއްމުން އާމްދަނީ ހޯދާހެން އާމްދަނީ ހޯދަން. މަސްތުވާތަކެތި ހޯދައިގެންނެއް ނޫން އާމްދަނީ ހޯދާނީކީ. މީހުން ގަޔަށް ވަޅި ހަރައިގެންނެއް ނޫން އާމްދަނީ ހޯދާނީ. އާމްދަނީ ހޯދަންޖެހޭނީ ތަންތާގައި މަސައްކަތްކޮށްގެން،" މިނިސްޓަރު އުމަރު ވިދާޅުވި އެވެ. މޮނިކޮން އަމުރުނެރެން ހޯމި މިނިސްޓަރު ނިންމެވުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުން ނެރުނު މޮނިކޮން އަމުރުގެ ދަށުން މިހާތަނަށް 12 މީހެއްގެ ފައިގައި ވަނީ ޓެގް އަޅުވާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މޮނިކޮންގެ އެކި އަމުރު ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު އުމަރު ވަނީ މިރޭ ވިދާޅުވެފައެވެ. ސަރުކާރުގެ ވިސްނުމަކީ ވީހާ ވެސް މަދު ބައެއްގެ ގައިގާ ޓެގް އަޅުވައިގެން ގޭންގު ތަކުގެ މައްސަލަ ހައްލުކުރަން ކަމަށާއި ނަމަވެސް އަޅުވަންޖެހިއްޖެ ނަމަ، 200 މީހުންގެ ގައިގާ މާދަމާ ވެސް ޓެގް އަޅުވަން ތައްޔާރު ކަމަށް ވެސް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ