ހާސްވަނީތަ، ކަންބޮޑުވަނީތަ؟ އަވަހަށް އެހީ ހޯދާ!

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި އަހަރުމެން ކޮންމެ މީހަކު އުޅެން ޖެހިފައި މި ވަނީ ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ. ކޮންމެ ދުވަހަކު އަޑުއިވެނީ އެތައް ބަޔަކަށް ބަލި ޖެހި މަރުވާ ވާހަކަ އެވެ. އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލޭ ވާހަކަ އެވެ. ކޮންމެ މީހެއްގެ ހިތުގައި އުފެދޭ ސުވާލަކީ؛ މިކަމުން އަހަރުމެންނަށް ސަލާމަތް ވެވޭނެ ހެއްޔެވެ؟ މިމަހު މުސާރަ ލިބޭނެ ހެއްޔެވެ؟ ވަޒީފާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެން ވެސް މިތިބީ މިކަހަލަ ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ ޝުއޫރުތަކުގަ އެވެ. މިފަދަ ހިޔާލުތަކަށް އޮތް އެހީތެރިކަމަކީ ސައިކޯ ސޯޝަލް ސަޕޯޓް (ޕީއެސްއެސް) ނުވަތަ ނަފްސާނީ އިޖްތިމާއީ އެހީ އެވެ. މިއީ މިފަދަ ހާދިސާތަކުން މީހުންނަށް ކުރާ ނަފްސާނީ އަސަރުތަކަށް ފަރުވާދީ އެފަދަ މައްސަލަތައް އިތުރަށް ގޯސްވިޔަނުދީ، އެފަދަ ކަންކަމުން އަރައިގަތުމަށް ހިތްވަރުދީ އާންމު ދިރިއުޅުމަކާއި ހިސާބަށް ދިއުމަށް ނަފްސާނީގޮތުން ވެވޭ އެހީއެކެވެ. ސިއްހީ ކުއްލި ހާލަތެއްގައި ނަފްސާނީ ދުޅަހެޔޮކަން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ގިނަ ބަޔަކު އަންނަނީ ކަރަންޓީނުކޮށް އަނެއް ބަޔަކު އެކަހެރި ކުރަމުންނެވެ. ގާތްތިމާގެ ނުވަތަ ތިމާ ދިރިއުޅޭ ސަރަހައްދާއި ކައިރިން ބައްޔަށް ޝައްކުވާ މީހަކު ފެނިއްޖެ ނަމަ، ހާސްވެ ބިރުގަންނާނެ އެވެ. މިފަދަ ހާލަތެއްގައި އާންމު ދިރިއުޅުމުގެ ކަންކަމަށް އަސަރުފޯރާ ސިއްހީ އެހީތެރިކަން ބަލައިގަތުމަށް ވެސް އުނދަގޫވެދާނެ އެވެ. ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ރެޑްކްރެސެންޓް މި ހާލަތުގައި އަމަލު ކުރަންވީ ކިހިނެއް؟ އިޖްތިމާއީ ގުޅުންތައް ދެމެހެއްޓުން މުހިންމު: ކަރަންޓީނު ހާލަތެއްގައި ހުރިނަމަ ނުވަތަ ގެއިން ބޭރަށް ނުކުތުން އެދެވިގެންނުވާ ނަމަ، ސޯޝަލް މީޑިއާ މެދުވެރިކޮށް ނަމަވެސް ނުވަތަ ގާތް ރަހުމަތްތެރިންނާއި އާއިލާ އާއި ގާތްތިމާގެ މީހުންނަށް ގުޅާ ވާހަކަދެއްކުން ވަރަށް މުހިންމެވެ. އޭރުން، އެކަނިވެރިކަމުން ދުރުކޮށްދީ ބޭކާރު ހިޔާލުތަކުން ދުރުކޮށްދޭނެ އެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އިތުބާރުކުރެވޭ އަދި ބަރޯސާވެވޭ މީހުންނާއިވެސް ވާހަކަދެއްކުން ބުއްދިވެރި އެވެ. ދުޅަހެޔޮ ހަރަކާތްތަކަށް ވަގުތުދީ: ގިނަބަޔަކު މިހާރު ތިބެން މިޖެހެނީ ގޭގަ އެވެ. އެހެންކަމުން މީހާ ހިތްހަމަޖެހޭ އަދި ރިލެކްސް ވާފަދަ ހަރަކާތްތަކެއް ނުވަތަ ކަންތައްތަކެއް މިވަގުތުގައި ކުރުން މުހިންމެވެ. މިގޮތުން ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމާއި، ރަނގަޅަށް ނިދުމާއި އަދި ދުޅަހެޔޮ ކާނާ ގަޑިން ގަޑިއަށް ކެއުމަށް ފަރުވާތެރިވާން ޖެހެ އެވެ. ގަބޫލުކުރަންވާނީ ތެދު މައުލޫމާތު: މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ފާޑުފާޑުގެ ވާހަކަތައް އާންމުންގެ މެދުގައި ފެތުރެ އެވެ. ބައެއް ވާހަކަތަކަކީ ހަގީގަތަކަށް ނުވާއިރު، ގަބޫލުކުރާ މައުލޫމާތަކީ ތެދު އަދި އިތުބާރު ހިފޭ މަސްދަރަކުން ހިއްސާކުރާ މައުލޫމާތެއްކަން ކަށަވަރު ކުރަން ޖެހޭނެ އެވެ. މިގޮތުން ސައްހަ މައުލޫމާތަކީ ދައުލަތުގެ އިދާރާއަކުން ނުވަތަ އެޗްޕީއޭ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންމުކުރާ މައުލޫމާތުތަކެވެ. އުނދަގޫތަކެއް ވާނަމަ އަވަހަށް އެހީހޯދުން: ތާއަބަދު، މީޑިއާތަކުން ކޮވިޑް-19 ގެ ވާހަކަ ދައްކާއިރު، މާ ގިނައިން މިފަދަ ވާހަކަތައް އަޑުއިވުމަކީ ނުވަތަ ފެނުމަކީވެސް ނަފްސާނީ ގޮތުން އެހާ ދުޅަހެޔޮ ކަމެއް ނޫނެވެ. އެހެންކަމަށް ވާނަ ތިމާގެ ސަމާލުކަން ކޮންމެވެސް އެހެންކަމަށް ދޭށެވެ. އަދި މާބޮޑަށް މިކަމާ ދޭތެރޭ ވިސްނި، ނުރަނގަޅު އަސަރުތަކެއް ކުރާހެން ހީވާނަމަ އަވަހަށް ނަފްސާނީ އެހީތެރީކަން ފޯރުކޮށްދޭ މީހަކާ ވާހަކަދައްކާށެވެ. ތަފާތުކޮށް ބާކީ ނުކުރާތި! މިފަދަ ދަނޑިވަޅެއްގައި މަދުން ނަމަވެސް، އިޖްތިމާއީގޮތުން ނުރަނގަޅު ސިފަތަކެއް ނުވަތަ އާދަތަކެއް ދަކެއް ފެތުރެ އެވެ. ބަލި ފެތުރޭ ގައުމެއް ނުވަތަ ސަރަހައްދެއްގެ މީހެެއް، ނުވަތަ ޝައްކުކުރެވޭ މީހަކީ ބަލިފަތުރާ މީހެއްކަމަށް ދެކި އޭނާ ދެރަވާ ފަދަ ބަސްތައް ބުނެ ބާކީ ކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫނެވެ. މިފަދައިން އަމަލުކުރެވޭ ނަމަ ބަލިހުރެމެ، އެ ބަލި ފޮރުވުމާއި ޝައްކުކުރެވޭ ނަމަ ސިއްހީ އެހީތެރިކަން ނުހޯދާހުރެ އެމީހެއްގެ ފަރާތުން ބަލި އެހެންމީހުންނަށް ފެތުރުން ފަދަ ނުރައްކާތެރި ކަންތައްތަކަށް މުޖްތަމައު ހުށަހެޅިދާނެ އެވެ. ދިވެހި ރެޑްކްރެސެންޓަށް ސާބަސް! ކޮވިޑް-19ގެ ނުރައްކަލަށް ދުނިޔެ ހުށަހެޅިފައި މިވާ ހިތާމަވެރި މިވަގުތުގައި ދިވެހީންނަށާއި ރާއްޖޭގައި މިވަގުތު ތިބި ފަރާތްތަކަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް މިވަގުތު ދެމުންދާ ފަރާތަކީ ދިވެހި ރެޑް ކްރެސެންޓެވެ. އެއްވެސް ފަސްޖެހުމެއް ނެތި، ދަރުމަވެރިކަމުގެ ލާމަސީލު ނަމޫނާ ދައްކައިދީ، މިވަގުތު ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހިތްވަރުދީ ސަޕޯޓް ދިނުމުގައި ރެޔާއި ދުވާލު އެ ޖަމްއިއްޔާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. -- ނޯޓް: ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ހިއްސާކުރެވިފައިވާ މި މައުލޫމާތުތަކަކީ ދިވެހި ރެޑް ކްރެސެންޓުން ދީފައިވާ މައުލޫމާތެވެ. ކޮވިޑް19 އާއި ގުޅިގެން ނަފްސާނީ އެހީތެރިކަން ބޭނުންވާނަމަ އަވަހަށް ހޮޓްލައިން 1676 ގުޅާށެވެ. ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ރެޑްކްރެސެންޓްއިން ހަމައެކަނި ގުޅާނީ 3322200 މި ނަންބަރުން އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ