މީރާއަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމުގައި ގާސިމް އަނެއްކާވެސް ވިދާޅުވެއްޖެ

ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ވިލާ ގުރޫޕުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ނުވަތަ އެއްބިލިއަނެއްހާ ރުފިޔާ ނުލިބޭ ކަމަށް ބުނެ މީރާއިން ވިލާ ގުރޫޕަށް ނޯޓިސް ފޮނުވި ކަމަށް މީރާއިން ބުނި ނަމަވެސް މީރާއަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ޖޭޕީއާއި އެމްޑީޕީގެ އިސްވަފްދެއް ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މީރާއިން ފޮނުވި ކަމަށް ބުނާ ނޯޓިސް ވިލާ ގުރޫޕަށް އަދި ލިބިފައިވާ ކަން އެމަނިކުފާނުގެ އޮފީހުން އެމަނިކުފާނަށް އަދި އަންގާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ނޯޓިސްއެއް ފޮނުވި ނަމަވެސް މީރާއަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަން ހިނގައިގެން އުޅޭގޮތެއް ރަނގަޅަށް ސާފުކުރުމަށްފަހު އެކަމުގައި ތަފްސީލްކޮށް މީޑިއާގައި ވާހަކަ ދައްކަވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑު މީރާއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނޭ ނުދައްކައެއް. ބަރާބަރަށް ދައްކަމުން މިދަނީ. ދެން ނުހައްގުން އަޅުގަނޑުގެ އަތުން އެއްޗެއް ހޯއްދެވުމުގެ ބޭނުމުގައި ނުވަތަ ބިރު ދެއްކުމުގެ ބޭނުމުގައި އެކަން ކުރައްވާ ކަމުގައިވަންޔާ އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް މާފުކުރައްވާށޭ. ދެން އަޅުގަނޑަކަށް ނޭގޭ އަޅުގަނޑު ގަބޫލެއް ނުކުރަން އެކަހަލަ ކަމެއް ހިނގާފާނެ ކަމަކަށެއް އަޅުގަނޑު ދޭންޖެހޭ ފައިސާއެއް އޮތް ކަމަކަށެއް. ދެން އެކަން ވަރަށް ސާފުކޮށް އެނގިގެންދާނެ،" ގަސިމް އިބްރާހިމް ވިދާޅުވި އެވެ.
ދުވަހު ނޫސް ހަވީރުގައި ބުނެފައިވަނީ ވިލާ ގްރޫޕުން ތަރައްގީ ކުރަން ނިންމާފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ކަމަށް ސަރުކާރުން ބުނާ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ ހޯދަން މީރާ އިން ވިލާ ގްރޫޕަށް 30 ދުވަހު ނޯޓިސް ދީފައިވާ ކަމަށެވެ. އެނޫހުގައި އަދި ބުނެފައިވަނީ ވިލާ ގުރޫޕުގެ އިތުރުން އެހެން ބައެއް ތަންތަނަށްވެސް މީރާއިން އެފަދަ ނޯޓިސް ތަކެއް ފޮނުވާފައިވާ ކަމަށެވެ.
ހަވީރުގައި މީރާގެ އޮފިޝަލް އިތުރަށް ވިދާޅުވެފައިވަނީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ހޯދަން މިނިސްޓްރީއަކުން އަންގައިފިނަމަ، އެ ފައިސާއެއް ހޯދަން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނޯޓިސް ފޮނުވާނެ ކަމަށެވެ.
ވީނިއުސް އިން މީރާއަށް ގުޅާލުމުން އެތަނުގެ އޮފިޝަލަކު ވިދާޅުވީ މީރާއަށް ޓެކްސް ދައްކާ ފަރާތްތަކުގެ މައުލޫމާތަކީ ބައެއް ޒާތީ މައުލޫމާތަށްވާތީ އެއީ ރައްކާކުރެވިފައިވާ މައުލޫމާތު ކަމަށެވެ. ނަމަވެސް ވިދާޅުވީ މީރާއަށް އެއްވެސް ފަރާތަކުން ފައިސާ ނުދައްކާ އޮތް ނަަމަ އެ އިދާރާއިން އެކިއެކި ފަރާތްތަކަށް އަބަދުވެސް ނޯޓިސް ދެމުންގެންދާ ކަަމަށެވެ.
ވިލާ ގުރޫޕަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބްވެސް މީގެ ކުރިން ވަނީ މީޑިއާގައި ވިދާޅުވެފަ އެެވެ. ނަމަވެސް އެ ފަހަރުވެސް ގާސިމް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އެގޮތުން މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރުން ވިލާ ގުރޫޕަށް ދޫކޮށްފައިވާ އެއްވެސް ތަނަކުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ ވިލާ ގުރޫޕަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކުގެ ކުއްޔާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ