ޚާއްސަ ހުއްދައިގެ ދަށުން ކެމްޕެއިނަށް ޕީޕީއެމް ނުދާނެ: މެމްބަރު ހުސެއިން

ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ވައްޓާލަން ޚާއްސަ ހުއްދައިގެ ދަށުން ކެމްޕެއިނަށް ޕީޕީއެމުން ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޚާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުއްޓަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މެމްބަރު ކުރެއްވި ޓްވީޓެއްގައި ވަނީ ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ވައްޓާލަން ޚާއްސަ ހުއްދައިގެ ދަށުން ކެމްޕެއިންނަށް ޕީޕީއެމް ނުދާނެ ކަމަށާއި މިހާލަތުގައި ރަށްރަށުގައި ސިއްޚީ ވަސީލަތްތައް ގާއިމްކޮށްދޭން ބުނެވެސް ސަރުކާރުން ހެދީ ދޮގު ކަމަށެވެ.
އަދި އިތުރަށް ރައްޔިތުން ނިކަމެތި ނުކުރުމަށްވެސް މެމްބަރު ވަނީ އެދިވަޑައިގެންފައެވެ.
ޚާއްސަ ހުއްދައިގެ ދަށުން ރަށްރަށަށްދާ މީހުން އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް އަމަލުތައް ބަހައްޓާތީ ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށް ރަށަށް ދަތުރުކޮށް ކަރަންޓީނު ނުވެ ކެމްޕެއިން ކުރެވޭގޮތަށް އިންތިޚާބުގެ އުސޫލަށް ގެނައި އިސްލާހް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިހާރު ވަނީ އުވާލާފައެވެ.
އެގޮތުން ގައިޑްލައިނުގެ ދަށުން ދަތުރުކުރާ އެއްވެސް ކެންޑިޑޭޓަކު ނުވަތަ ފަރާތަކުން ގައިޑްލައިންގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް އަމަލުކޮށްފިނަމަ، ދެން އެ ކެންޑިޑޭޓަކަށް ނުވަތަ ފަރާތަކަށް ތާއީދު ހޯދުމަށް، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވޭނީ، "ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް، އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައި (ޓްރެވަލް ރިލޭޑެޓް) ކަރަންޓީނު ކުރުމާއި، ކަރަންޓީނު ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު" އާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ