މުޒާހަރާ އަށް އެއްވި މީހުން މަރަން އަމުރު ކުރުމުގައި މުބާރަކް ކުށްވެރި ނުވާ ކަމަށް ހުކުމްކޮށްފި

ގާހިރާ (ނޮވެމްބަރު 29) - މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އާންމުން މެރުމަށް އަމުރު ކުރި ކަމުގެ ތުހުމަތުގައި މުބާރަކްގެ މައްޗަށް ކުރާ ދައުވާގައި އޭނާ ކުށްވެރި ނުވާ ކަމަށް މިއަދު ހުކުމް އިއްވައިފި އެވެ. ފަނޑިޔާރު މަހްމޫދު ކަމާލް އަލް ރާޝިދީ އިއްވި ހުކުމުގައި ވަނީ މުބާރަކުގެ ވެރިކަމާ ދެކޮޅަށް 18 ދުވަސްވަންދެން ކުރި މުޒާހަރާތަކުގައި ބައިވެރިވި މީހުން މަރަން އަމުރު ކުރުމުގައި މުބާރަކުގެ އިތުރުން އެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަތް ކޮމާންޑަރުން ވެސް ކުށްވެރި ނުވާ ކަމަށެވެ. އޭގެ ތެރޭގައި މުބާރަކުގެ ދާޚިލީ ވަޒީރު ހަބީބް އަލް އަދްލީ ވެސް ހިމެނެ އެވެ. މުބާރާކުގެ ވެރިކަމާ ދެކޮޅަށް ދެތުވި މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ވަނީ 800 މީހުން މަރުވެފަ އެވެ. މުބާރަކުގެ މައްޗަށް އުމުރަށް ޖަލަށްލުމަށް ކުރިން ހުކުމްކުރިއިރު އެ މައްސަލާގައި ވަނީ އޭނާގެ ދާޚިލާ ވަޒީރު ހަބީބް އަލް އަދުލީ ވެސް އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި މުބާރަކްގެ މައްޗަށް ކުރިން ޝަރީއަތް ހިންގައި އުމުރަށް ޖަލަށްލުމަށް 2012 ގައި ހުކުމްކުރި ނަމަވެސް އޭރުގެ ޝަރީއަތުގައި އިދާރީ ގޯސްތަކެއް ހިނގާފައިވާ ކަމަށް ބުނެ އިސްތިއުނާފީ ކޯޓުން ވަނީ އެ ޝަރީއަތް އަލުން ކުރުމަށް އަމުރުކޮށްފަ އެވެ. އެހެންވެ ދެވަނަ ފަހަރަށް މިދިޔަ އަހަރު ފެށި އެ ޝަރީއަތުގެ ހުކުމް އިއްވާ ގޮތަށް ހަމަޖައްސާފައި ކުރިން އޮތީ ސެޕްޓެމްބަރު މަހު 27 ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން ވަނީ ހުކުމް އިއްވުން މިއަދަށް ފަސްކޮށްފަ އެވެ. އެގޮތަށް ހަމަޖެއްސީ މުބާރަކާ ދެކޮޅަށް ހުށަހަޅާފައި ހުރި ހެކިތައް ގިނަކަމުން އެ މައްސަލަ ބައްލަވާ ފަނޑިޔާރު އެ ހުކުމް ލިޔުއްވުމަށް އިތުރު ވަގުތު ބޭނުންވާތީ އެވެ. މުބާރަކާ ދެކޮޅަށް 160،000 ސަފުހާގެ ހެކި ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ މައްސަލައިގައި ކުރިން މުބާރަކްގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ދެވަނަ ފަހަރަށް ކުރި ޝަރީއަތުގައި ބައެއް ހެކިވެރިން އެ މީހުންގެ ބަޔާންތައް ބަދަލުކޮށް، މުބާރަކާ އެއްކޮޅަށް ހެކިބަސް ދީފައިވާތީ އެ ދައުވާ އިން އޭނާ ސަލާމަތްވެވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ތަޖްރިބާކާރުން ކުރިން ވެސް ދިޔައީ ބުނަމުންނެވެ. ނަމަވެސް މި ދައުވާ އިން މުބާރަކު މި ފަހަރު ސަލާމަވެވަޑައިގަތް ނަމަވެސް އޭނާ މިނިވަނެއް ނުވާނެ އެވެ. ދައުލަތުގެ މުދަލަށް ޚިޔާނަތްތެރިވުމުގެ ކުށުގައި މުބާރަކުގެ މައްޗަށް ކުރިން ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ޚިޔާނާތުގެ ކުށުގައި މުބާރަކްގެ ދެ ދަރިކަލުން ވެސް ހަތަރު އަހަރަށް ޖަލަށްލާން ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އުމުރުން 86 އަހަރުގެ މުބާރަކު މި ހުރިހާ ކަމަކާ ދެކޮޅު ހައްދަވަ އެވެ. މިސްރުގެ ކޯޓަކުން އޮގަސްޓް މަހު ވަނީ މުބާރާކު ޖަލުން ނެރުމަށް ފަހު މިލިޓަރީ ހޮސްޕޓަލަކަށް ބަދަލު ކުރުމަށް އަންގައިފަ އެވެ. މުބާރަކުގެ ފަހުން މިސްރުގެ ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު މުރްސީގެ ސަރުކާރު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ސިފައިން ނުކުމެ ވައްޓާލައިފަ އެވެ. މިސްރުގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވީ މުރްސީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް އުޅުއްވި ސިފައިންގެ އޭރުގެ ވެރިޔާ އަބްދުލް ފައްތާހު ސީސީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ