ފެބްރުއަރީ 7ގައި ނުކުތީ ހުދުމުހުތާރު ވަމުން ދިޔަ ވެރިޔަކާ ދެކޮޅަށް: އުމަރު
ފެބްރުއަރީ 7، 2012 ގައި ނުކުމެވަޑައިގަތީ ހުދުމުހުތާރު ސިފަތައް އަށަގަންނަމުން ދިޔަ ވެރިޔަކާ ދެކޮޅަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް، އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ ސިލްސިލާ މުޒާހަރާތަކުގައި އިސް ދައުރެއް އަދާކުރެއްވި އުމަރު ވިދާޅުވި ގޮތުގައި، 7 ފެބްރުއަރީ އަކީ ފަހުރުވެރިވުން ހައްގު ދުވަހެކެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެ އާއި އިސްލާމް ދީނުގެ އިތުރަށް ގާނޫނުއަސާސީ އަށް ނަސްރު ލިބުނު ދުވަހަކަށް ވާތީ އެވެ. "ހުދުމުހުތާރު ސިފަތައް އަށަގަންނަމުން ދިޔަ ވެރިޔަކާ ދެކޮޅަށް ނުކުތް އެންމެންނަށް އަޅުގަނޑު ޝުކުރު ދަންނަވަން،" އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. 7th Feb 2012, a proud day for Maldives, Islam and the constitution. I thank all those who stood up against a dictator in-the-making. — Umar Naseer (@UmarNaseerPPM) February 6, 2015 އުމަރުގެ ޓުވީޓު ނަޝީދުގެ ވެރިކަން ބަދަލުވި އިރު، އުމަރު ހުންނެވީ ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސްގެ މަގާމުގަ އެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ޕާޓީން ވަކިކުރުމުން، 2013 ގެ ރިޔާސީ އިންތިހާބުގައި އޭނާ ތާއީދުކުރެއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށެވެ. ގާސިމް މިހާރު ވަނީ ނަޝީދާއި އެމްޑީޕީއާ އެކު، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ. އެކަމާ ގުޅިގެން އުމަރު މިހާރު ވަނީ ޖޭޕީން ވަކިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ